ޢީދުގެ އުފާ ފާޅުކުރުމުގައި އެންމެ ހެޔޮ ގޮތަކީ ނަބަވީ ހިދާޔަތަށް ތަބަޢަވުން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ މުސްލިމުން އަންނަނީ އަޟްހާ ޢީދު (ބޮޑު އީދު) އަށް ތައްޔާރުވަމުންނެވެ. މިއީ މުސްލިމުންގެ މަތިވެރި ޙައްޖާއި ވިދިގެން އަންނަ މުސްލިމުންގެ އުފާވެރި މުނާސަބާއެކެވެ.
މި ޢީދަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ވެސް ތައްޔާރުވަމުން އަންނައިރު، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މީޑިއާ ގްރޫޕަށް ވަޒީރު ޝަހީމް މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ޢީދަކީ އިސްލާމީ މަތިވެރި ޝިޢާރެއް ކަމަށާއި، އިސްލާމީ މުޖުތަމަޢުގައި އިސްލާމީ ގިއުގަނޑުގެ ތެރޭގައި ޢީދުގެ އުފާވެރިކަމާއި މަތިވެރިކަމާއި މާތްކަން ދެމެހެއްޓުމަށް މުސްލިމުން ސަމާލުކަން ދޭންވާނެ ކަމަށެވެ.
"އިސްލާމީ މުޖުތަމަޢުގައި އިސްލާމީ ގިއުގަނޑުގެ ތެރޭގައި ޢީދުގެ އުފާވެރިކަމާއި މަތިވެރިކަމާއި މާތްކަން ދެމެހެއްޓުމަށް މުސްލިމުން ސަމާލުކަން ދޭންވާނެ. އެންމެ ހެޔޮ ގޮތަކީ ޢީދުގެ އުފާ ފާޅުކުރުމުގައި ނަބަވީ ހިދާޔަތަށް ތަބަޢަވުން." ވަޒީރު ވިދާޅުވެފަވެއެވެ.
ޢީދު ދުވަހު އާއިލާއާއެކު ވަގުތު ހޭދަކުރުމާއި، ފަޤީރުންނާއި މިސްކީނުންނަށް އެހީތެރިވެ އެ މީހުން ވެސް ޢީދުގެ އުފަލުގައި ބައިވެރިކުރުމާއި، ޢީދު ނަމާދު އަދާކުރުމަކީ ނަބަވީ ހިދާޔަތާ އެއްގޮތަށް ޢީދު ފާހަގަކުރުމުގެ މުހިންމު ބައިތަކެވެ.
އިސްލާމް ދީނަކީ މެދުމިނުގެ ދީންކަމަށްވެފައި، އިސްލާމްދީނުގައި އެކި މުނާސަބާތައް ފާހަގަކުރުމަށް ބާރުއަޅަނީ އަޚްލާޤީ އިމުގެތެރޭ، މުޖުތަމައު ބަލައިގަންނަ ހަމަތަކާއެކު ދީނުގެ އަސާސްތަކާއި ޚިލާފްނުވާނެ ގޮތުގެ މަތީންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!