ހެޔޮ އަގުގައި ފެންވަރު ރަނގަޅު އައިނު ފޯރުކޮށްދިނުމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ނަންބަރު އައިނުގެ ވިޔަފާރި ފަށަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)އަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިގޮތަށް ނިންމެވީ ރައްޔިތުންގެ ފަރާތުން އެކަމަށް އެދިވަޑައިގަންނަވާފައިވާތީ، އެކަމާ ގުޅޭގޮތުން ބައްލަވަންޖެހޭ ކަންކަން ބެއްލެވުމަށްފަހު ކަމަށެވެ.
މިގޮތުން އައިޖީއެމްއެޗް އާއި އެހެނިހެން ސަރުކާރު ހޮސްޕިޓަލްތަކުން އައިނުގެ ވިޔަފާރި ފެށުމަށް ނިންމެވީ، އައިނަށް އާސަންދައިން ދޫކުރާ މިންވަރު 2000 ރުފިޔާއަށް މަތިކުރުމާ ގުޅިގެން، އެ އަގުގައި ދަށް ފެންވަރުގެ އައިނު ރައްޔިތުންނަށް ފޯރުކޮށްދީ، އެކަމުން އަމިއްލަ ވިޔަފާރިތަކުން ނާޖާއިޒު ފައިދާ ނެގުމަށް ފުރުޞަތު ނުދިނުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑަށް މުހިންމީ ވިޔަފާރިވެރިން ރައްޔިތުންނަށް ދެރަ ނިކަމެތިކަން ދިނުމުގެ އާދަ މި ޤައުމުން ފިލުވާލަން. އެހެންވެގެން ސިނގިރޭޓް ބިޒްނަސްވެސް ރާއްޖެއިން ހުއްޓާލާފައި އެހެން ކަމަކަށް ވަޑައިގަންނަވާށޭ ދެންނެވީ. އަޅުގަނޑަށް މުހިންމީ ރައްޔިތުންގެ ޞިއްޙަތު،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގެ އެންމެ މުހިންމު ދެވަނަ ސިޔާސަތަކީ ޞިއްޙީ ދާއިރާ ތަރައްޤީކުރުން ކަމަށެވެ. މިގޮތުން، މިހާރުވެސް 400 މިލިއަން ރުފިޔާއަށްވުރެ ގިނަ އަގުގެ ޞިއްޙީ ދާއިރާގެ މަޝްރޫޢުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް އަމާޒުކުރައްވާ ކަމަކީ ޞިއްޙީ ޚިދުމަތް ހޯދުމަށް ރާއްޖެއިން ބޭރަށް ދިވެހިން ދާ ދިއުން ނިމުމަކަށް ގެނައުން ކަމަށް ވިދާޅުވެ، އެކަމަށްޓަކައި މާލޭގެ ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅުކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ ދަށުން އެންމެ ފުރަތަމަ ޑިޖިޓަލައިޒް ކުރާނީ ޞިއްޙީ ދާއިރާ ކަމުގައިވެސް ރައީސް ހާމަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!