އިސްރާއީލުން ފޭރިގަނެފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ސަރަހައްދުތަކުގައި، އިސްރާއީލުގެ މީހުން ވަޒަންވެރިކުރުމަށް އެ ގައުމުން ކުރާ މަސައްކަތް ފިންލެންޑުން ދެކޮޅު ހަދައިފިއެވެ.
އިސްރާއީލުން ވަނީ އެމީހުން އަތްގަދަކޮށްފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ 22 ތަނެއްގައި އިސްރާއީލު މީހުން ވަޒަންވެރިވުމުގެ ހުއްދަ ދީފައެވެ.
ފިންލެންޑުގެ ޚާރިޖީ ވަޒީރު އެލީނާ ވަލްޓޮނެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިކަން ކުށްވެރިކޮށް، އެއީ ބައިނަލްއަޤްވާމީ ޤާނޫނާއި ޚިލާފް ގައިރު ގާނޫނީކަމެއްކަމަށް ވިދާޅުވެފައެވެ.
އެއީ އިސްރާއީލުން ހިންގާ ސުލްހައަށް ހުރަސް އެޅުމުގެ ޢަމަލެއްގެ ގޮތުގައި ސިފަކޮށް އޭނާ ބުނެފައި ވަނީ ދެ ދައުލަތުގެ ހައްލަށް ގަސްތުގައި ހުރަސްތައް އެޅުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫންކަމަށެވެ. އަދި އެއީ ސުލްހަ ކުރިއެރުވުމަށް ބައިނަލްއަޤްވާމީ މަސައްކަތްތަކާ ޚިލާފު ކަމެއްކަމަށް ވެސް ވިދާޅުވެފަވެއެވެ.
އޭނާ ވަނީ އިސްރާއީލްގެ މި އަމަލު ބަލައިނުގަންނަކަމަށް ވިދާޅުވެފައެވެ.
އިސްރާއީލަކީ ފަލަސްތީނުގެ ބިންތައް ހިފައި، ގަދަ ބާރުން އުފައްދާފައިވާ ޣައިރުޤާނޫނީ ދައުލަތެކެވެ. 1948 ވަނަ އަހަރު ދުނިޔޭގެ ހުޅަނގުގެ ބައެއް ބާރުތަކުން އެއީ ދައުލަތެއްކަމަށް ބަލައިގަތީއްސުރެ މިއަދާއި ހަމައަށް ވެސް އިސްރާއީލުން އަންނަނީ ފަލަސްތީނުގެ ބިންތައް ފޭރި އަތްގަދަ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!