އިމިގްރޭޝަން އޮފިސަރ ޓްރެއިނީގެ 50 މަގާމަށް މީހުން ހޯދުމަށް ފުރަތަމަ ފަހަރަށް ބޭއްވި ވޯކް-އިން އިންޓަވިއުތަކަށް ފަހު، އިމްތިހާނުގައި 549 ފަރާތަކުން ބައިވެރިވެއްޖެއެވެ.
މި އިމްތިހާނަކީ އިންޓަވިއުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ އިމްތިހާނެއް ކަމަށްވާއިރު، މި އިމްތިހާނު ބޭއްވިފައިވަނީ މި މަހުގެ 28 އަދި 29 ވަނަ ދުވަހުއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި، ޖުމްލަ މާކުހާއެކު އެންމެ މަތިން މާކްސް ލިބުނު 50 ފަރާތުގެ ނަތީޖާ ވަރަށް އަވަހަށް އިޢުލާން ކުރެވިގެންދާނެއެވެ.
މި އިމްތިހާނުގެ އިންތިޒާމުތައް ބެއްލެވުމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ކޮމިޝަނަރ އޮފް ޕޮލިސް (ރޓ) އަޙްމަދު ފަޞީޙް އަދި ޑެޕިއުޓީ ކޮންޓްރޯލަރ، އަޙްމަދު އަޝްފާން ވަނީ ޒިޔާރަތްކުރައްވާފައެވެ.
އިމިގްރޭޝަނުން ފާހަގަކުރި ގޮތުގައި، މި މަސައްކަތުގައި އެންމެހާ ފަރާތްތަކުން ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވާފައިވެއެވެ. އަދި އިމްތިހާނުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ކާމިޔާބު އެދޭ ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އިމިގްރޭޝަން އިން ކުރިން ބުނި ގޮތުގައި އިމިގްރޭޝަން އޮފިސަރ ޓްރެއިނީގެ 50 ވަޒީފާއަށް 876 މީހަކު ކުރިމަތިލިއެވެ. އޭގެ ތެރެއިން 758 މީހަކު ޝަރުތު ހަމަވާކަމަށް އެ އިދާރާއިން ބުނެފަވެއެވެ.
އިމިގްރޭޝަން އޮފިސަރުން ހޯދަން އެ އިދާރާއިން ވަނީ 25 މެއި 2025 ގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށް ގަލޮޅު ސްކޫލުގައި ވޯން-އިން އިންޓަވިއެއް ބާއްވާފައެވެ. މި އިންޓަވިއުއަށް ބޮޑު ތަރުހީބެއް ލިބުނެވެ. އެރޭ 12 ޖަހަންދެން އެ އިދާރާއިން ވަނީ އިންޓަވިއުގެ މަސައްކަތް ކޮށްފައެވެ. އޭގެ ކުރިން އެ އިދާރާއިން ވަނީ އިމިގްރޭޝަން އޮފިސަރ ޓްރެއިނީގެ 50 ވަޒީފާއަށް މީހުން ހޯދަން ޢިއުލާން ވެސް ކޮށްފައެވެ. އެ ޢިއުލާންގެ މުއްދަތު ހަމަވީ 24 މެއި 2025 އަށެވެ.
މި މަގާމުގެ އަސާސީ މުސާރައަކީ މަހަކު 6500 ރުފިޔާއެވެ. މި މަގާމަށް ހޮވޭ މީހުންނަށް މަހަކު 1500 ރުފިޔާގެ ލިވިން އެލަވަންސެއް ލިބޭއިރު، ބޭސިކް ޓްރޭނިން ނިންމުމުން އަސާސީ މުސާރައިގެ 35 އިންސައްތަ ހާއްސަ އެލަވަންސެއްގެ ގޮތުގައި ދެއެވެ. އެހެންކަމުން އިތުރު ގަޑި ނުހިމަނައި މަހަކު 10،275 އެއްހާ ރުފިޔާ މި މަގާމަށް ހޮވޭ މީހަކަށް ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!