އެހީ ބެހުމުގެ މަރުކަޒަކަށް ދިއުމަށް މަސައްކަތްކުރަމުން ދިޔަ ފަލަސްތީނުގެ ރައްޔިތުންތަކަށް އިސްރާއީލުން ހަމަލާދީ 20 މީހަކު ޒަޚަމްކޮށްލައިފިއެވެ.

ޣައްޒާގެ ހޮސްޕިޓަލްތަކުގެ މަސްދަރުތަކާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލުން ޒަޚަމްކޮށްލާފައި ވަނީ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަނުން ޤާއިމްކޮށްފައިވާ އެހީ ބެހުމުގެ މަރުކަޒަކަށް ދިއުމަށް މަސައްކަތްކުރަމުން ދިޔަ ފަލަސްތީނުގެ 20 މީހެކެވެ.

Ad
rt

ފަލަސްތީނުގެ ސަރަޙައްދު ދެބައިކޮށްފައިވާ އިސްރާއީލުގެ ނެޓްޒަރިމް ކޮރިޑޯ ކައިރީގައި ޤާއިމްކޮށްފައިވާ މި އެހީ ބެހުމުގެ މަރުކަޒަކީ މިހާތަނަށް ޤާއިމްކޮށްފައިވާ ތިންވަނަ މަރުކަޒެވެ. މީގެ ކުރިން ދެކުނުގެ ރަފާ ސިޓީގައި ދެ މަރުކަޒެއް ޤާއިމްކޮށްފައިވެއެވެ.

އިސްރާއީލުގެ ބާރުތަކުން މެދު ޣައްޒާގައި ޤާއިމްކޮށްފައިވާ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަނުގެ އެންމެ އައު އެހީ ބެހުމުގެ މަރުކަޒުން އެހީ ހޯދަން އުޅުނު ފަލަސްތީނު މީހުންގެ ގަޔަށް ބަޑިޖެހުމުން މަދުވެގެން 20 މީހުން ޒަޚަމްވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލުގެ އަނިޔާއާއި ލާއިންސާނީ ޢަމަލުތައް ފަލަސްތީނުގައި އިންތިހާ މައްޗަށް ގޮސް، ދިގުދެމުގެން ގޮސްފައިވާއިރު، އިސްރާއީލުން ސޮއިކޮށްފައިވާކަމަށް އެމެރިކާއިން ބުނާ ހަނގުރާމަ ހުއްޓާލުމުގެ އައު ހުށަހެޅުމެއް ހަމާސްއިން މިހާރު ދަނީ މުރާޖަޢާކުރަމުންނެވެ. ނަމަވެސް މި ހުށަހެޅުން މިހާރު އޮތް ގޮތުން ޣައްޒާގައި އިތުރު ރައްޔިތުންތަކެއް ޝަހީދުވެގެންދާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލްގެ ޖައްބާރު ޢަމަލުތަކުގެ ތެރެއިން ޣައްޒާގެ އަލް-އައުދާ ހޮސްޕިޓަލް ބަންދުކުރުމަށް އިސްރާއީލުން އަމުރުކޮށްފައިވާއިރު، އެއީ "ކުށެއް" ކަމަށް ޣައްޒާގެ ސިއްޙީ މިނިސްޓްރީން ބުނެފައިވެއެވެ. އިސްރާއީލުގެ ހަމަލާތަކުން ފުނޑުފުނޑުކޮށްލާފައިވާ ޣައްޒާގެ ސިއްޙީ ނިޒާމުގެ ތެރެއިން ވެސް ރައްޔިތުންނަށް ފަރުވާ ދިނުމަށް ފަލަސްތީނުން އަންނަނީ ހިތްވަރާއެކު މަސައްކަތް ކުރަމުންނެވެ.

ޣައްޒާގެ ސިއްޙީ މިނިސްޓްރީގެ މަޢުލޫމާތު ދޭގޮތުގައި އިސްރާއީލުގެ ހަނގުރާމައިގައި މަދުވެގެން 54,321 ފަލަސްތީނުން ޝަހީދުވެ، 123,770 މީހުން ޒަޚަމްވެފައިވެއެވެ. ސަރުކާރުގެ މީޑިއާ އޮފީހުން ވަނީ ޝަހީދުވި މީހުންގެ އަދަދު 61,700 އަށް އަރާކަމަށް ބުނެފައެވެ. އަދި އިމާރާތްތަކުގެ ތެރޭގައި ގެއްލިފައިވާ އެތައްހާސްތަކެއް މީހުން ޝަހީދުވެފައިވާކަމަށް ވަނީ ލަފާކޮށްފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ހަމާސްގެ އިސްނެގުމުގައި ދިން ހަމަލާތަކުގައި އިސްރާއީލުގައި އަންދާޒާކުރެވޭ ގޮތުގައި 1,139 މީހުން މަރުވެ، 200 އަށްވުރެ ގިނަ މީހުން ހައްޔަރުކުރެވުނެވެ.