ސިއްހީ ދާއިރާގެ ކުރިއެރުމަށްޓަކައި ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރަން މި ސަރުކާރު އޮތީ ތައްޔާރަށްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ބާސެލޯ ނަސަންދުރާގައި ރޭ ކުރިއަށް ދިޔަ ޚާއްޞަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

މި ޙަފުލާގައި ރައީސް އާއި އެމަނިކުފާނުގެ އަނބިކަނބަލުން، ފަސްޓްލޭޑީ މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގަތީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ ދަޢުވަތަކަށް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މި ހަފްލާގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް، ޑރ. ޓެޑްރޯސް އަދަނޯމް ގެބްރިޔޭސުސްގެ ފަރާތުން ރައީސަށް އެރުވި ޚާއްޞަ އެވޯޑާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ، ޢުމްރާނީ ގޮތުންނާއި ފަންނިއްޔާތާއި އިންސާނީ ވަސީލަތުގެ ގޮތުން ޞިއްޙީ ދާއިރާގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރެވެމުން ދިޔަ ނަމަވެސް، އެކި ގޮތްގޮތުން ކުރިމަތިވަމުންދާ ގޮންޖެހުންތައް ޙިއްޞާކުރަަށްވާފައެވެ.

އޭގެ ތެރޭގައި، ޞިއްޙީ ދާއިރާއަށް ބޭނުންވާ ދިވެހި ނަރުހުން ހޯދުމުގައި ދިމާވާ ދަތިތައް ފާހަގަކުރެއްވިއެވެ.

"މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއަށް އެންމެ ފަހުން ގެނެވުނު ކުރިއެރުންތަކާއެކު އިތުރުކުރެވުނު ވަޒީފާތަކަށް ދިވެހި ނަރުހުން ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވޭ. ނަމަވެސް ޚިދުމަތަކީ މެދުކެނޑުމެއް ނެތި ދެވެންޖެހޭ ޚިދުމަތަކަށް ވާ އިރު، ބިދޭސީ ނަރުހުން ހޯދުމަށް މަޖުބޫރުވޭ," ރައީސް ވިދާޅުވިއެވެ.

މި ގޮންޖެހުމަށް ހައްލެއް ހޯދުމުގެ ގޮތުން، ރައީސް ވަނީ ދިވެހިރާއްޖޭގައި ތިއްބެވި، ތަމްރީނުވެފައިވާ ނަރުހުން، ވަޒީފާއަށް ނިކުމެވަޑައިގެން، މި ދާއިރާއަކީ ދިވެހީންގެ ދާއިރާއަކަށް ހެއްދެވުމަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން، ޞިއްޙީ ފަރުވާގެ ނިޒާމުގެ ތެރެއިން ފައިސާ އިސްރާފުވުން ހުއްޓުވައި، ބޭސްފަރުވާގެ ސަޕްލައި ކަށަވަރުކޮށް ދެއްވުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައި ވާ ކަމަށާއި، ދާދި އަވަހަށް އެކަންކަމުގެ ނަތީޖާ ފެންނާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.