ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޗެއާމަން އަދި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމަށް މިއަދު އައްޔަންކޮށްފިއެވެ.
މި މަގާމަށް ޝަހީރު މިއަދު އައްޔަންކޮށްފައިވާކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ވަނީ ބުނެފައެވެ.
އެޗްޑީސީގެ ޗެއާމަންގެ މަގާމު ހުސްވެފައިވަނީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެ މަގާމަށް އައްޔަންކުރެވުނު އަހުމަދު ނާސިފް، މިދިޔަ މާރިޗް މަހު އެ މަގާމުން ވަކިކޮށް، ވޭސްޓް މެނޭޖްމަންޓު ކޯޕަރޭޝަން (ވެމްކޯ)ގެ ޗެއާމަން ކަމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.
އަހުމަދު ޝަހީރަކީ ދިވެހި ވިޔަފާރީގެ ދާއިރާގައި ފާހަގަކޮށްލެވޭ ތަޖުރިބާކާރެއްގެ ގޮތުގައި ފާހަގަކުރެވޭ ބޭފުޅެކެވެ. އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރައްވާފައެވެ. އަދި އޭނާ ވަނީ އެސްޓީއޯގައި 29 އަހަރަށްވުރެ ދިގު މުއްދަތެއްގައި މަސައްކަތްކުރައްވައި، އެމްޑީކަމުގެ ކުރިން އެ ކުންފުނީގެ އެކި އިސް މަގާމުތައް ފުރުއްވާފައެވެ.
އެޗްޑީސީގެ ޗެއާމަނަކަށް ޝަހީރު ހަމަޖެއްސިއިރު، އެ ކުންފުންނީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި އިބްރާހިމް ފަޒުލް ރަޝީދު މިދިޔަ ޑިސެމްބަރު އިސްތިއުފާ ދެއްވުމުން، އެ މަގާމަށް 22 ޑިސެމްބަރު 2024 ގައި ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލް ވަނީ އައްޔަނުކުރަށްވާފައެވެ.
މީގެ އިތުރުން އެ ކުންފުނީގެ ބޯޑަށް ވެސް ބައެއް ބަދަލުތައް ގެންނަވާފައިވެއެވެ.
ޝަހީރު މި މަގާމަށް ޢައްޔަނުކޮށްފައި ވަނީ ބޮޑު ތަސައްވުރަކާއެކު ހުޅުމާލޭގެ އައު މާސްޓާ ޕްލޭން ވެސް އެކުލަވާލައި، ތަންފީޒީ މަރުހަލާ ފަށަން ތައްޔާރުވެފައި ވަނިކޮށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!