ސަރުކާރުން ލާމަރުކަޒީ ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ކުރިން ކައުންސިލްތަކާ އާންމު ރައްޔިތުންނާއެކު ފުޅާދާއިރާއެއްގައި މަޝްވަރާ ކުރަންޖެހޭނެކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް ވިދާޅުވެއްޖެއެވެ.
މި މަހު 24 އިން 26 އަށް މާލެ ސިޓީގައި ބޭއްވި ކައުންސިލް އެސޯސިއެޝަންގެ އަހަރީ އާންމު ކޮންފަރެންސް ނިންމާލުމަށްފަހު މޭޔަރ އާޠިފް ވިދާޅުވީ މި ކޮންފަރެންސްގައި ޤާނޫނަށް ގެންނަން ބޭނުންވާ ބަދަލުތަކާއި ރާއްޖޭގެ ރައްޔިތުން އިތުރަށް ލާމަރުކަޒީ ނިޒާމުގެ ތެރެއަށް ބާރުވެރިކުރުވުމަށް ކުރެވިދާނެ ގޮތްތަކާމެދު މަޝްވަރާކުރެވުނުކަމަށެވެ.
އަދި މި ދަނޑިވަޅަކީ ސަރުކާރުން މި ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ބޭނުންވެފައިވާ ދަނޑިވަޅެއްކަމަށާއި، އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވެސް ކައުންސިލްތަކުގައި ބައިވަރު މައްސަލަތަކެއް ހުރިކަމަށާއި، ލާމަރުކަޒީ ނިޒާމަށް އިތުރު ބަދަލުތަކެއް ގެނެސް އަތޮޅު ކައުންސިލްތައް އުވާލުމަށް ވާހަކަދައްކާފައިވާކަމަށް މޭޔަރ ފާހަގަކުރައްވާފައިވެއެވެ.
މީގެ ތެރޭގައި މޭޔަރ ފާހަގަކުރައްވާފައިވަނީ، ކައުންސިލްތަކުގެ ބަޖެޓުގައި ގިނައިން ފައިސާ ހުންނަ ވާހަކައާއި ބަޖެޓަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ވިދާޅުވެފައިވާއިރު ގިނަ ރަށްރަށުގެ ކައުންސިލަރުންނާއި ކައުންސިލްތަކުން އަދި އާންމު ރައްޔިތުން ހިމެނޭހެން ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައި މިފަދަ މަޝްވަރާތަކެއް ކުރިއަށް ގެންދެވުމަކީ ސަރުކާރަށްވެސް އިތުރަށް ރައްޔިތުންނާއި ކައުންސިލްތަކުން ދެކޭ ގޮތް ހިއްސާކުރުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށެވެ.
މީގެ އިތުރުން، މި މަހު ބޭއްވި ތިން ދުވަހުގެ ކޮންފަރެސްގެ ތެރޭގައި މަޝްވަރާކުރެވިގެން ދިޔަ ބައެއް ޕޮލިސީތައް ތަރައްޤީކުރެވި ސަރުކާރަށް ހުށަހެޅޭ ހިސާބައް ގެންދެވިފައިވާކަން ފާހަގަކޮށް މޭޔަރ ވަނީ ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެ ޖަމިއްޔާ އާއި ބައްދަލުކުރުމުގެ ފުރުސަތެއް ދެއްވުމަށް އެދިފައެވެ.
"ލާމަރުކަޒީ ޤާނޫނަށް އިތުރު ބަދަލުތަކެއް ގެނައުމުގެ ކުރިން ކައުންސިލްތަކާއި ދިވެހި ރައްޔިތުންނަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައި މެނުވީ އެ ބަދަލުތައް ނުގެންނަން، އަދި އޭގެ ކުރިން އަޅުގަނޑުމެންނާއެކު މަޝްވަރާކުރެވޭނެ ބައިވަރު ޕްލެޓްފޯމްތަކެއްގެ އިތުރުން މަނިކުފާނަށްވެސް ކަންބޮޑުވުންތައް ހިއްސާކުރެވޭނެ ޖާގަ ތަނަވަސްކޮށްދިނުމަށް އެދިފައިވާނެ" މޭޔަރ ވިދާޅުވެފައިވެއެވެ.
މި ފުރުސަތުގައި އިތުރަށް މޭޔަރ އާޠިފް ވިދާޅުވެފައިވަނީ މި ކޮންފަރެސްގެ ތެރެއިން އެކި އެކި ކައުންސިލްތަކުން ހޯދާފައިވާ ކާމިޔާބީތަކާއި ރިނޮވޭޓިވް ވިސްނުންްތަކުގައި ކޮށްފައިހުރި މުހިންމު ތަފާތު މަސައްކަތްތައް ހިއްސާކޮށްފައިވާކަމަށެވެ.
އެގޮތުން މިއަދު ކައުންސިލްތަކުން އެ ލިބުނު ކުޑަ ކުޑަ ބާރާ އެކީގައި ކުރަމުންދާ މަސައްކަތްތައް އެތައް އަހަރުތަކެއް ފަހަތައް ދާނެގޮތަކަށް މި ނިޒާމަށްވުމަކީ އެއްވެސް ދިވެއްސަކު އެދޭނެގޮތެއް ނޫންކަމަށާއި އުންމީދަކީ މިއަދު މި ހުރި ފުރުސަތުތައް އިތުރަށް ތަނަވަސްވެ ރަށްރަށުގެ ރައްޔިތުން އެ ސަރަހައްދެއްގެ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްްގެން ކުރިއަށް ދެވޭނެގޮތް ފަހިވުން ކަމަށް މޭޔަރ ވިދާޅުވެފައިވެއެވެ.
މޭޔަރު މިފަދައިން ވިދާޅުވިއިރު، އާބާދީގެ ނިސްބަތަށް ބަލައި ކައުންސިލްތަކުގެ މެމްބަރުންގެ ޢަދަދު ކުޑަކޮށް، ލާމަރުކަޒީ ޤާނޫނަށް އިސްލާހްތަކެއް ގެންނައުމުގެ ވިސްނުން ސަރުކާރުން ވަނީ ފާޅުކޮށްފައެވެ. އެއީ މިހާރުގެ ތަޖުރިބާގެ އަލީގައި ޚަރަދު ކުޑަކޮށް ހިންގުން ހަރުދަނާކޮށް، ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތްކުރެވޭނެ ބަދަލުތަކެއްކަމުގައި ސަރުކާރުން ދެކެއެވެ. މީގެ ތެރޭގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ލިބޭ ފައިސާ ހޭދަކުރާ ގޮތް ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް، ފިނޭންސް މިނިސްޓްރީގެ ދައުރެއް އޮންނަ ގޮތަށް ބަދަލުކުރެވޭނެ ނިޒާމެއް ގާއިމުކުރުމަކީ ވެސް ސަރުކާރުގެ ވިސްނުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!