އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމަ ހުއްޓުވުމަށް އިސްރާއީލާ ދެކޮޅަށް "ލިބެންހުރި ހުރިހާ ވަސީލަތެއް" ބޭނުންކުރުމަށް އިނގިރޭސިވިލާތުގެ އެތައް ސަތޭކަ ގާނޫނީ މާހިރުން ގޮވާލައިފިއެވެ.
ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ޣާއްޒާގައި އިސްރާއީލުން ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް އިސްރާއީލާއެކު އޮންނަ ވިޔަފާރީގެ ގުޅުން މުރާޖަޢާކުރުމާއި އިސްރާއީލުގެ ވަޒީރުންގެ މައްޗަށް ދަތުރުފަތުރު ކުރުން މަނާކުރުމާއި ދަޢުވާ އުފުލައި، "ލިބެންހުރި ހުރިހާ ވަސީލަތެއް" ބޭނުންކުރުމަށް އިނގިރޭސިވިލާތުގެ ސަރުކާރަށް އެ ޤައުމުގެ އެތައް ސަތޭކަ ޤާނޫނީ ވަކީލުންނެއް ވަނީ ގޮވާލާފައެވެ.
މިގޮތުން އިނގިރޭސިވިލާތުގައި މަސައްކަތްކުރާ ނުވަތަ އެ ޤައުމުގެ ޤާނޫނީ ސަނަދު ލިބިފައިވާ، ކުރީގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވެސް ހިމެނޭގޮތަށް 828 ޤާނޫނީ މާހިރުން ވަނީ ހޯމަ ދުވަހު ބޮޑުވަޒީރު ސަރ ކީރ ސްޓާމަރަށް ސިޓީއެއް ފޮނުވާފައިވެއެވެ. އެ ސިޓީގައި އިނގިރޭސި ޤާނޫނީ މާހިރުން ވަނީ އިސްރާއީލުން ޣައްޒާ އަށް ކާބޯތަކެއްޗާއި އެހީ ލިބުނުނަ ނުދީ ހިފަހައްޓައި، އަދި އެތަނުގައި އެތައް ސަތޭކަ ފަލަސްޠީނު މީހުން ޝަހީދުކުރަމުންދާ ހަނގުރާމައިގެ ސަބަބުން "ޣައްޒާގައި ނަސްލު ނައްތާލުމުގެ ޢަމަލު ހިންގަމުންދާ" ކަމަށް ބުނެފައެވެ. އަދި އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޢަމަލުތަކަށް އެ ބޭފުޅުން ވަރަށް ބޮޑަށް ދެކޮޅު ހަދާފައިވެއެވެ.
މި ޤާނޫނީ މާހިރުންގެ ގްރޫޕުގައި ހިމެނެނީ ކުރީގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމުގައިވާ ލޯޑް ވިލްސަން އަދި ލޯޑް ސަމްޝަން، އިނގިރޭސިވިލާތާއި ވޭލްސްގެ ކްރިމިނަލް ބާ އެސޯސިއޭޝަންގެ ކުރީގެ ޗެއަރ އެންޑްރޫ ހޯލް ކޭސީ، އަދި އޮކްސްފޯޑް އަދި ކޭމްބްރިޖް ޔުނިވަރސިޓީތަކުގެ އެތައް ޕްރޮފެސަރުންނެވެ.
އެމީހުންގެ މި ސިޓީ ފޮނުވާފައި ވަނީ އިސްރާއީލުގެ ހުޅަނގުގެ އެކުވެރިންގެ ފަރާތުން އިތުރުވަމުންދާ ''ފާޑުކިޔުމުގެ ރާޅެއްގެ'' ތެރޭގައެވެ. އެ ބޭފުޅުން ވަނީ މެއި މެދުތެރޭގައި ފެށުނު އެންމެ ފަހުގެ ހަނގުރާމައާއި އޭގެ ބްލޮކޭޑްގެ އަސަރު ކުށްވެރިކޮށްފައެވެ. އިސްރާއީލުން މި ބްލޮކޭޑް 2 މާރޗް އިން ފެށިގެން 11 ހަފްތާއަށް ތަންފީޒުކުރިއެވެ.
ފާއިތުވި ހަފްތާގައި އިނގިރޭސިވިލާތް، ފަރަންސޭސި ވިލާތް އަދި ކެނެޑާއިން ޢާއްޒާގައި އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޢަމަލުތައް ކުށްވެރިކޮށް ބަޔާނެއް ނެރެފައިވެއެވެ.
މިކަމާއި ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫޫ ވަނީ އިނގިރޭސިންނާއި ފަރަންސޭސިން އަދި ކެނެޑާގެ ލީޑަރުން "ހަމާސްގެ ފަރާތުގައި ތިބިކަމަށް" ތުހުމަތުކޮށް، މި ހަނގުރާމައިގެ މަޤްޞަދަކީ ހަމާސްއިން ބަންދުކޮށްފައި ތިބި 58 ރަހީނުން ދޫކޮށްލުން ކަމަށް ބުނެފަވެއެވެ. ނަމަވެސް އިނގިރޭސި ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ ވަނީ އިސްރާއީލުގެ މި ޢަމަލުތައް އިތުރުވަމުންދިއުމަކީ "އަޚްލާޤީ ގޮތުން ޖަސްޓިފައި ނުކުރެވޭނެ" ކަމެއް ކަމަށް ވިދާޅުވެފަވެއެވެ.
އިނގިރޭސި ވިލާތުން ފާއިތުވި ހަފްތާގައި އިސްރާލާއިިއެކު ކުރިއަށް ދިޔަ ވިޔަފާރީގެ މަޝްވަރާތައް ހުއްޓާލައި، އިސްރާއީލުގެ ސަފީރު ހާޒިރުކޮށްފައިވެއެވެ.
ނެތަންޔާހޫ އިޢުލާންކޮށްފައިވާ ގޮތުގައި އިސްރާއީލުގެ މަޤްޞަދަކީ ގާޒާ ސްޓްރިޕް ހިފައި، އެތަނުގެ އުތުރުގައި އުޅޭ ރައްޔިތުން ދެކުނަށް ބަދަލުކުރުން ކަމަށެވެ.
މި ހަނގުރާމައިގެ ފުރަތަމަ ހަފްތާގައި ދުވާލަކު 100 އެއްހާ ޣައްޒާގެ މީހުން ޝަހީދުވެފައިވާކަމަށް އެ ސަރަޙައްދުގެ ހަމާސް ހިންގާ ސަލާމަތީ އިދާރާތަކާއި ޞިއްޙީ މިނިސްޓްރީން ބުނެފައިވެއެވެ.
ހޯމަ ދުވަހު، ޤާނޫނީ މާހިރުންގެ ގްރޫޕުން 36 ޞަފްޙާގެ ތަފްޞީލީ ސިޓީއެއްގައި ބުނެފައިވަނީ އިސްރާއީލުގެ މެއި މަހުގެ ހަނގުރާމައަކީ "ބައިނަލްއަޤްވާމީ ޤާނޫނުގެ ބޮޑު ޚިލާފުވުމެއް" ކަމަށާއި، އަދި ފަލަސްޠީނު ރައްޔިތުންގެ އަމިއްލަ ނިންމުމުގެ ޙައްޤާ ޚިލާފުވާ ކަމެއް ކަމަށެވެ.
ޤާނޫނީ ވަކީލުން، ޤާނޫނީ މާހިރުން އަދި ރިޓަޔަރކޮށްފައިވާ ފަނޑިޔާރުންގެ މި ގްރޫޕުން ފާޅުކޮށްފައިވަނީ ޣާއްޒާގައި އަދި އޮކިއުޕައިޑް ވެސްޓް ބޭންކުގައި "އިތުރަށް ގޯސްވަމުންދާ ކާރިސާއާ މެދު ފުން ކަންބޮޑުވުން" ކަމަށާއި، އެތަނުގައި ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ޢަމަލުތައް "ހިންގަމުންދާކަމަށާއި އަދި އިތުރަށް ހިންގުމުގެ ބިރު އޮތްކަމަށް" އިސްރާއީލުން އިންޒާރުދެމުންދާ ކަމަށެވެ.
"އެންމެ ފުރަތަމަ، ޣާއްޒާގައި ނަސްލު ނައްތާލުމުގެ ޢަމަލު ހިންގަމުންދޭ ނުވަތަ މަދުވެގެން ނަސްލު ނައްތާލުމުގެ ނުރައްކާ ބޮޑަށް އެބައޮތް،" ޤާނޫނީ މާހިރުން ލިޔެފައިވެއެވެ.
އެ ބޭފުޅުން ވިދާޅުވެފައި ވަނީ މިކަން މެދުވެރިވެފައިވަނީ އިސްރާއީލުގެ ބްލޮކޭޑްގެ ސަބަބުން ކަމަށާއި އަދި މިހާރު ވަދެވޭ ކުޑަ މިންވަރުގެ އެހީއަކީ "ވަރަށް ބޮޑަށް މަދު" އަދަދެއް ކަމަށެވެ.
އެ ބޭފުޅުން ވިދާޅުވެފައި ވަނީ އިނގިރޭސިވިލާތް އަދި ހުރިހާ ޤައުމުތަކުގެ މައްޗަށްވެސް "ނަސްލު ނައްތާލުން ހުއްޓުވުމާއި އަދަބު ދިނުމުގެ" ޤާނޫނީ ޒިންމާއެއް އޮތް ކަމަށެވެ.
"ޔޫކޭގެ މިހާތަނަށް ކޮށްފައިވާ ކަންތައްތަކުން އެ މިންގަނޑުތަކަށް ފެތިފައެއް ނުވޭ" އެ ބޭފުޅުން ވިދާޅުވެފަވެއެވެ.
މި ސިޓީގައި ވަނީ ފާއިތުވި ހަފްތާގައި އިނގިރޭސިވިލާތް، ފަރަންސޭސި ވިލާތް އަދި ކެނެޑާއިން ނެރުނު ގުޅިފައިވާ ބަޔާނުގައި "އިސްރާއީލާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް" އަޅާނެކަމުގެ އިޝާރާތެއް ދީފައިވާތީ އެކަން މަރުޙަބާ ކިޔުއްވާފައެވެ.
ހަނގުރާމަ ހުއްޓުވުމަށް އެހީތެރިވުމުގެ ގޮތުން، "ޤާނޫނާ ޚިލާފު ޢަމަލުތައް" ހިންގާފައިވާ އިސްރާއީލުގެ ވަޒީރުންގެ މައްޗަށް ވަގުތުން މާލީ އަދި އިމިގްރޭޝަން ދަޢުވާތައް އުފުލަންޖެހޭ ކަމަށް ޤާނޫނީ ވަކީލުން ލިޔުއްވާފަވެއެވެ.
މި ސިޓީގައި އަދި ގޮވާލައްވާފައި ވަނީ ޔޫކޭއިން އިސްރާއީލާއެކު މިހާރު އޮތް ވިޔަފާރީގެ ގުޅުން މުރާޖަޢާކުރުމަށާއި، އެ ޤައުމުގެ މައްޗަށް ވިޔަފާރީގެ ދަޢުވާތައް އުފުލުމަށާއި އަދި އިނގިރޭސިވިލާތާއި އިސްރާއީލާ ދެމެދު ވެފައިވާ "2030 ރޯޑްމެޕް" - ދިފާޢީ، ޓެކްނޮލޮޖީ އަދި ސައިންސް، ޘަޤާފަތް، ފަންނުވެރިކަން އަދި އެހެނިހެން ދާއިރާތަކާ ގުޅޭ އެއްބަސްވުން'' ހުއްޓާލުމަށެވެ.
އިނގިރޭސި ގާނޫނީ މާހިރުން އިނގިރޭސި ސަރުކާރަށް އިތުރަށް ގޮވާލައްވާފައިވަނީ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގެ މެންބަރެއްގެ ހައިސިއްޔަތުން، އެ ކޯޓުން ނެރޭ ހައްޔަރުކުރުމުގެ އަމުރުތަކާ އެއްގޮތަށް ޢަމަލުކުރާނނެކަން ޔަޤީންކަން ދިނުމަށެވެ. ނެތަންޔާހޫގެ މައްޗަށް މިހާރު އެ ކޯޓުން ހައްޔަރު އަމުރެއް ނެރެފައިވަނީ ޣާއްޒާގައި ހަނގުރާމައިގެ ކުށްތަކާއި ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފުވުމުގެ ތުހުމަތުގައެވެ. މި ތުހުމަތުތައް އޭނާ ވަރަށް ބޮޑަށް ދެކޮޅު ހަދާފައިވެއެވެ.
މި ސިޓީއަކީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަނގުރާމަ ފެށުނު ފަހުން މި ގާނޫނީ މާހީރުން ފޮނުއްވާފައިވާ އެންމެ ފަހުގެ ސިޓީއެވެ. އެ ބޭފުޅުން ފުރަތަމަ ސިޓީ ފޮނުވާފައިވަނީ ހަނގުރާމަ ފެށުނުތާ ހަފްތާތަކެއް ފަހުން، އޭރު އެ ބޭފުޅުން ކަންބޮޑުވުން ފާޅުކުރަށްށްފައިވަނީ އިނގިރޭސި ސަރުކާރުން އިސްރާއީލަށް ހަތިޔާރު ވިއްކަމުންދާތީއެވެ.
އިނގިރޭސި ވިލާތުން އިސްރާއީލަށް ހަތިޔާރު ވިއްކުމާ ގުޅޭގޮތުން ނިންމާފައިވާ ނިންމުންތަކުގެ ޤާނޫނީ ހައިސިއްޔަތު މިހާރު އިނގިރޭސިވިލާތާއި ވޭލްސްގެ ހައި ކޯޓުން އަންނަނީ ބަލަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!