ސަރުކާރުގެ މައި ހޮސްޕިޓަލް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ޤާއިމުކޮށްފައިވާ މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގް އިފްތިތާޙުކޮށްފިއެވެ.

މިކަމަށް އައިޖީއެމްއެޗްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިތަން އިފްތިތާހްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

Ad
rt

75 އެނދުގެ މި އައު ވިންގްގައި ޖެނެރަލް ސަރޖަރީތަކާއި، ނިއުރޯ ސަރޖަރީތަކާއި، ޕްލާސްޓިކް ސަރޖަރީތަކާއި، އޯތޯ ސަރޖަރީތަކާއި އަދި ޔޫރޮލޮޖީގެ ސަރޖަރީތައް ކުރާ ބަލިމީހުން އެޑްމިޓްކުރެވޭނެއެވެ. މި އިތުރުކުރެވުނު އެނދުތަކާއެކު އައިޖީއެމްއެޗްގެ ޖުމުލަ އެނދުގެ އަދަދު 510 އަށް އަރާފައިވާކަން ފާހަގަކުރެވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، ފާއިތުވި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ސިއްޙީ ދާއިރާގެ ކުރިއެރުމަށް ރައީސް މުޢިއްޒު ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާފައިވާ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މި މުއްދަތުގެ ތެރޭގައި އައިޖީއެމްއެޗަށް 194 އެނދު އިތުރުކުރެވިފައިވާކަން ހަލީމް ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ، އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށްވެސް ސަރުކާރުން އިސްކަންދޭކަން ޢަބްދުއްރައްޒާޤް ފާހަގަކުރެއްވިއެވެ. މިގޮތުން، ދާއިރާއަށް ބޭނުންވާ 411 މުވައްޒަފުން ރެކްރޫޓްކުރުމުގެ ހުއްދަ ލިބިފައިވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އައު ވިންގް އިފްތިތާޙުކުރެއްވުމަށްފަހު ރައީސް މުޢިއްޒު އެ ވިންގް ބައްލަވާލެއްވިއެވެ.