ބޭނުންފުޅުވަނީ ސަރުކާރުގެ ކުންފުނިތަކާއި، މިނިސްޓްރީތަކާއި، މުއައްސަސާތައް، ދެފުށް ފެންނަ ގޮތުގައި ހިނގުމަށް ކަމަށާއި، ކޮރަޕްޝަނަށް އެއްވެސް ގޮތަކުން ފުރުސަތު ނުދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ފަދައިން ވިދާޅުވީ، ހުޅުމާލޭ ރިވައިސްޑް މާސްޓަރޕްލޭން އަދި ހައުސިންގް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)ގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ބަދަލުގެނެވިފައިވާ ރަސްމީ ވެބްސައިޓް އިފުތިތާޙުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ.

Ad
rt

ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި، ސަރުކާރުގެ ކުންފުނިތައް ހިންގުމުގެ ނިޒާމަށް ބަދަލުތަކެއް ގެންނަވަމުންދާ ކަމަށް ވިދާޅުވިއެވެ. މީގެ ތެރޭގައި ހިންގާ ފަރާތްތައް ބަދަލުކުރުމާއި، ޓީމަށް ބަދަލުތައް ގެނައުން ހިމެނެއެވެ. މިކަމުގެ މަޤްޞަދަކީ ރަނގަޅު ހިންގުމެއް ޔަޤީންކުރުމާއި، ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

''އަޅުގަނޑު ބޭނުންވަނީ ސަރުކާރުގެ ކުންފުނިތަކާއި، އަދި މިނިސްޓްރީތަކާއި، މުއައްސަސާތައް، ދެފުށް ފެންނަ ގޮތުގައި ހިނގަން. އަޅުގަނޑު ދެންމެ ދެންނެވިފަދައިން، ކޮރަޕްޝަނާ ދުރަށް ދިޔުން. ކޮރަޕްޝަނަކީ އަޅުގަނޑުމެން އެންމެން ހަމަ އެކައްޗެއް ކިޔާފައި، ނޫނެކޭ ބުނާކަމަކަށްވާން. އެއީ، އަޅުގަނޑު ގައިމުވެސް، އަޅުގަނޑަށް އެނގިގެން މީހަކަށް ފުރުޞަތު ދޭނެ ކަމެއްނޫން. ހަމަ ޙަޤީޤަތުގައިވެސް ހުއްޓުމަކަށް ގެންނަން، އެއްވެސް ސުވާލެއްނެތި ބޭނުންވާ ކަމެއް.'' ރައީސް ވިދާޅުވެފަވެއެވެ.

ރައީސް މުޢިއްޒު ވަނީ ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކުން މިކަމުގައި ބުރަ މަސައްކަތްތަކެއް ކުރުމަށް އެދިވަޑަައިގެންފައެވެ. އަދި ހިންގުމުގެ ނިޒާމު ކޮރަޕްޝަނުގެ ވަބާއިން ސަލާމަތްކުރެވޭ ވަރަކުން، ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވާނެ ކަމަށް ވިދާޅުވިއެވެ.

''އަޅުގަނޑުމެން އައިސް މިތިބީ، ޓައީ އަޅައިގެން މަސައްކަތްކުރަން ރައްޔިތުން ބުނެގެން، ހަވާލުކޮށްގެން. ރައްޔިތުންނަށް މި ކަންތައްތައް ކޮށްދެނީ. އަޅުގަނޑުމެންގެ ދިރިއުޅުމަށް ފައިދާއެއްވޭ މުސާރަ ލިބުނީމާ. އެކަމަކު އެ ހޯދާ މުސާރައަކީ، އާމްދަނީއަކީ ހެޔޮގޮތުގައި، ހޯދާ އެއްޗަކަށް ވާންޖެހޭ. އެއިން ބޭރުން ކަންތައްތައް ލިބިގަންނަން އޮންނަ ފުރުޞަތަކަށް އެ ވެގެން ނުވާނެ.'' ރައީސް ވިދާޅުވެފަވެއެވެ.

ރައީސް ވިދާޅުވީ، ރަނގަޅު ހިންގުމުގެ ނިޒާމެއްގެ ތެރެއިން، ދެފުށް ފެންނަ ގޮތެއްގައި، އިޚްލާޞްތެރި ޚިދުމަތެއް ކުރުމުގައި، ކުރިއަށްދިޔުމަކީ ޒިންމާއެއް އަދި މަސްއޫލިއްޔަތެއް ކަމަށެވެ.