މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތާއި ގުޅިގެން އެ މައްސަލާގައި ހިމެނޭ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުގެ ހުކުމަކުން ސާބިތުވެފައިވާ ދަރަންޏަށް އެ ޙުކުމާއި އެއްގޮތަށް ފައިސާދައްކާފައި ނުވާތީ، އެ ޙުކުން ތަންފީޒުކޮށްދިނުމަށް އެމްއެމްޕީއާރުސީން ހުށަހެޅި މައްސަލަ އަލުން ހުށަހެޅުމަށް ސިވިލް ކޯޓުން އިއްޔެ ޙުކުމް ކޮށްފިއެވެ.

ލޯނެއްގެ ގޮތުގައި އެސްއޯއެފް އަށް ދޫކޮށްފައިވާ 10.7 މިލިއަން ޑޮލަރު ހޯދުމަށް އެމްއެމްޕީއާރުސީން އެ ކުންފުންޏާއި ދެކޮޅަށް ހުށަހެޅި މައްސަލައެއްގައި 2017 ވަނަ އަހަރު ސިވިލް ކޯޓުން ވަނީ އެ ފައިސާ 17 ސެޕްޓެމްބަރު 2017 އިން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އެސްއޯއެފްގެ މައްޗަށް ހުކުމެއްކޮށްފައެވެ.

Ad
rt

މި ހުކުމާއި އެއްގޮތަށް އެސްއޯއެފުން ޢަމަލުނުކުރުމުން އެމްއެމްޕީއާރުސީން ވަނީ ސިވިލް ކޯޓުގެ އެ ޙުކުން ތަންފީޒުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ވައްދާފައެވެ.

ޤާޟީ ޒުލައިހާ ޝީޒާ ބައްލަވައި އިއްޔެ ޙުކުމް ކުރެއްވި މި މައްސަލާގައި ސިވިލް ކޯޓުގެ ޙުކުމާއި އެއްގޮތަށް އެސްއޯއެފުން، އެމްއެމްޕީއާރުސީ އަށް ފައިސާ ނުދައްކާކަން ސާބިތުވާކަމަށް ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން އެސްއޯއެފްގެ އެއްވެސް މާލީ ތަނަވަސްކަމެއް އަދި މުދަލެއް ހުރިނަމަ އެ މައުލޫމާތެއް ލިޔުމުން ކޯޓަށް ހުށަހެޅުމާއެކު އަލުން އެ މައްސަލަ ހުށަހެޅުމަށް އަންގައި ވަނީ ޙުކުމްކޮށްފައެވެ.

އެމްއެމްޕީއާރުސީން ދޫކުރި ރަށްތަކާއި ފަޅުތަކުން ދައުލަތަށް ލިބެންޖެހޭ 1.22 ބިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާ މައްސަލާގައި އެކި މީހުންގެ މައްޗަށް ވަނީ ދައުވާތައް އުފުލާފައެވެ.