ރާއްޖޭގައި ހިންގާ ގޭންގް ކުށްތައް ހުއްޓުވުމަށް އެކުލަވާލައި ފާސްކޮށްފައިވާ، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.

މި ބިލަކީ، 15 މޭ 2025 ވީ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 32 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

Ad
rt

ރާއްޖޭގައި ގޭންގް ކުށްތައް ހުއްޓުވުމަށް ''ގޭންގް ކުށްތައް މަނާކުރުމުގެ'' ޤާނޫނުގެ ގޮތުގައި 2010 ވަނަ އަހަރުން ފެށިގެން ޤާނޫނެއް އަންނަނީ ތަންފީޒުކުރަމުންނެވެ. ނަމަވެސް މި ޤާނޫނަށް ބޮޑެތި އިސްލާހްތަކެއް ބޭނުންވާތީ، މި ސަރުކާރުން ވަނީ މިކަމަށް މުޅިން އައު ޤާނޫނެއް ހަދާފައެވެ.

މިގޮތުން ރައީސް ތަސްދީގުކުރެއްވުމާއެކު މިއަދު ޢަމަލުކުރަންފެށި ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގައި ދިވެހިރާއްޖޭގައި ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްކުރުން ހުއްޓުވުމަށްޓަކައި ކަމާގުޅޭ ކުށާއި އަދަބު ކަނޑައެޅުމާއި، އެފަދަ ކުށްތައް ހުއްޓުވުމަށް ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް ލިބިދޭ ބާރުތައް ކަނޑައެޅުމާއި، އެފަދަ ކުށްތަކުން ކުޑަކުދިން ދުރުކުރުމަށް ފިޔަވަޅު އެޅުމާގުޅޭ އުސޫލުތައް ކަނޑައެޅުމާއި، އެފަދަ ކުށްތަކުގައި ތުހުމަތުކުރެވޭ ފަރާތްތައް މޮނިޓަރކޮށް ކޮންޓްރޯލްކުރުމާގުޅޭ އުސޫލުތައް ކަނޑައެޅުމާއި، އެނޫންވެސް ކަމާބެހޭ އުސޫލުތައް ކަނޑައަޅާފަވެއެވެ.

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ އައު ޤާނޫނުގެ ސަބަބުން އަންނާނެ މުހިންމު ބައެއް ބަދަލުތަކުގެ ގޮތުގައި ސަރުކާރުން ފާހަގަކުރަށްވާފައިވާކަންކަން:

  • ގޭންގުތަކުގެ ބާރުވެރިކަން ކަނޑުވާލުމުގެ ގޮތުން، ގޭންގުތަކާއި އަދި ގޭންގްތަކާއި ގުޅިފައިވާ ފަރާތްތަކަކީ ކޮބައިކަން ކޯޓު މެދުވެރިކޮށް ކަނޑައެޅުން
  • ގޭންގުތަކަށް ފައިސާ ޚަރަދުކުރާ މީހުން ހުއްޓުވުން
  • ގޭންގްތަކާއި ގުޅިގެން، ނުވަތަ އެނޫން ބޮޑެތި ކުށްކުށަށް އަރައިގަނެގެން، ނުހައްގު މުއްސަނދިކަން ހޯދާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީގުކޮށް، އެގޮތުން ހޯދާފައިވާ ފައިސާއާއި މުދާ ކޯޓު މެދުވެރިކޮށް ދައުލަތަށް ނެގުން
  • ގޭންގް ހަރަކާތްތަކާ ދެކޮޅަށް ކޮންޓްރޯލް ޑެލިވަރީ އަދި ސިއްރު އޮޕަރޭޝަންތައް ކުރިއަށްގެންދިއުން
  • ކުޑަކުދިން ގޭންގްތަކާ ގުޅުމާ، ބޮޑެތި ކުށްތައް ކުރުމުގައި ބައިވެރިވުން ހުއްޓުވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅުން
  • ޚާއްޞަ މޮނިޓަރިން ކުރިއަށްގެންގޮސް މޮނިކޮން އަމުރުގެ ދަށުން ޓެގު އެޅުވުން
  • ކުށްކުރާ މީހުން މޮނިޓަރކޮށް ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ޤާއިމުވުން ހިމެނެއެވެ.

ގޭންގް ކުށްތައް ހުއްޓުވުމަށްޓަކައި ސަރުކާރުން މިދިޔަ 18 މަސްދުވަހުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ކޮށްފައިވާއިރު، އޭގެތެރެއިން ހިމެނިގެން ގޭންގް ކުށްތައް ބަލައި، އެކަމަށް އެދެވޭ ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަށް ގޭންގް ކްރައިމް އެންފޯސްމެންޓްގެ ނަމުގައި ވަކި ވިންގެއް ދިވެހި ފުލުހުންގެ ޚިދުމަތުގައި ޖުލައި 1، 2024 ގައި ޤާއިމުކުރައްވާފައެވެ.

ގޭންގު ކުށްތަކާ ގުޅޭ މައްސަލަތަކުގައި މިދިޔަ 18 މަސްދުވަހު، ގްރޫޕުތައް އެއްވެ އުޅޭ ސަރަޙައްދުތަކުން 31511 މީހުން ހުއްޓުވައި ސުވާލުކޮށް އެކި މައްސަލަތަކުގައި 180 މީހަކު ހައްޔަރުކުރެވި، އޭގެ ތެރެއިން 83 މީހަކާ ދެކޮޅަށް ދަޢުވާ އުފުލާފައިވާކަން ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ. އަދި މި މުއްދަތަށް ބަލާއިރު، ގޭންގު މާރާމާރީގައި، އެއްވެސް މީހެއްގެ ފުރާނަ ގެއްލިގޮސްފައިނުވާކަން ވެސް ސަރުކާރުން ފާހަގަކުރެއެވެ.