ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމުގައި އެހީތެރިވުމަށް މިހާރު ރާއްޖެ އައިސްގެން އުޅޭ ލިވަޕޫލް ފުޓްބޯޅަ ކްލަބުގެ ވަފުދާއި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤް އިބްރާހިމް ބައްދަލުކުރައްވައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް މަޝްވަރާކުރަށްވައިފިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އޑް އެންވަޔަރަންމަންޓް އިން ބުނީ ލިވަޕޫލްގެ ވަފުދާއި ބައްދަލުކުރަށްވައި މިނިސްޓަރު ތޯރިގް ވަނީ ކުރިއަށް އޮތް ސީޒަނުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

Ad
rt

މި ބައްދަލުވުމުގައި ލިވަޕޫލް އެފްސީއާއި ރާއްޖެއާ ދެމެދު ގުޅުން ބަދަހިކޮށް، އެ ކްލަބު މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކޮށްފައިވާއިރު، މީގެ އިތުރުން، ލިވަޕޫލް އެފްސީގެ 'ދަ ރެޑް ވޭ' އިނިޝިއޭޓިވްގެ ދަށުން ރާއްޖޭގައި ތިމާވެށި ރައްކާތެރިކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.

"ލިވަޕޫލް އެފްސީގެ ވަފުދާއެކު ވަރަށް ރަނގަޅު މަޝްވަރާތަކެއް ކުރެވުނު. ކުރިއަށް އޮތް ސީޒަނުގައި އަޅުގަނޑުމެން ގުޅިގެން ކުރާނެ މަސައްކަތްތަކާ ބެހޭގޮތުން ވަރަށްފުޅާކޮށް މަޝްވަރާކުރެވުނުކަމަށް އަދި އެކަމާ ވަރަށް ބޮޑަށް ހިތްހަމަޖެހުނު. 'ދަ ރެޑް ވޭ' އިނިޝިއޭޓިވްގެ ދަށުން ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ލިވަޕޫލް އެފްސީއާއެކު މަސައްކަތްކުރުމަށް ވަރަށް ބޮޑަށް އުފާވޭ. #sunnysideoflife" ބައްދަލުވުމަށްފަހު މިނިސްޓަރ ޠާރިޤް ވިދާޅުވެފަވެއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވެސް އިން "ޓޫރިޒަމް ޑެސްޓިނޭޝަން ޕާޓްނަރ" އަށް ހަމަޖައްސާފައިވާ ލިވަޕޫލް ފުޓްބޯޅަ ކްލަބްގެ ސީނިއާ މެނޭޖްމެންޓް ޓީމެއް ރާއްޖެ އައީ 21 މެއި 2025 ގައެވެ.

އެމްއެމްޕީއާރުސީން ރާއްޖެ އިޝްތިހާރު ކުރުމަށް ކުރަމުން އަންނަ މި މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން، މި ދަތުރުގައި ރާއްޖެ އައިސްފައި ވަނީ، އެ ޕާޓްނާޝިޕްސްގެ ވައިސް ޕްރެޒިޑެންޓް ޑޭވިޑް ޕޯލް އާއި ލިވަޕޫލް އެފްސީގެ ޑައިރެކްޓާ އޮފް ގްލޯބަލް ޕާޓްނާޝިޕް ޑިވޮލޮޕްމެންޓް އެލެކްސް ފްރޭޒާއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް، ލިވަޕޫލު ވާދަކުރަމުން އަންނަ އިނގިރޭސި ޕްރިމިއާ ލީގުގެ އައު ސީޒަން ފަށާއިރު ވެސް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން އެމްއެމްޕީއާރުސީން ތައްޔާރުވަމުން އަންނައިރު، މިހާރު ލިވަޕޫލާއިއެކު ހަދާފައިވަނީ ތިން އަހަރާއި ހަމަސްދުވަހުގެ އެއްބަސްވުމެކެވެ.

ލިވަޕޫލަކީ އިންގިރޭސި ވިލާތުގެ އެންމެ މަތީ ފަންތީގެ ފުޓްބޯޅަ ކްލަބްތަކުގެ ތެރޭގައި ހިމެނޭ އެންމެ ކާމިޔާބު އެއް ކްލަބެވެ. ލިވަޕޫލްގެ ބޮޑު ފޭންބޭސް އެއް އޮންނަ އިނގިރޭސި ވިލާތާއި ޖަރުމަނާއި މެދުއިރުމަތިފަދަ އަގުބޮޑު މާކެޓުތަކަށް އަމާޒުކޮށްގެން ކުރަމުން އަންނަ މަސައްކަތުގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ހަރުދަނާ ވެގެން ދާނެ ކަމުގައި އެމްއެމްޕީއާރުސީން ދެކެއެވެ.