ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެންޗުގައި ހުސްވެފައިވާ ދެ މަޤާމަށް 12 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.
މި ދެ މަޤާމު ހުސްވީ މި މަހުގެ 14 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފަނޑިޔާރު މަހާޒު އަލީ ޒާހިރު އާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރުމަށް ފާސްކުރުމާ ގުޅިގެންނެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މިއަދުގެ މެންދުރު 12:00 އަށެވެ. މުއްދަތު ހަމަވިއިރު ޖުމްލަ 12 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ.
ކުރިމަތިލެއްވި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ހައިކޯޓުގެ އިސް ފަނޑިޔާރު މުހައްމަދު ފައިސަލް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ)، ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު، އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުއްގަނީ މުހައްމަދެވެ.
މީގެ އިތުރުން، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ އަހުމަދު ހައިލަމް، ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން، އަދި ހައިކޯޓުގެ މިހާރުގެ ފަނޑިޔާރު މުހައްމަދު ސަލީމްވެސް ވަނީ ކުރިމަތިލައްވާފައެވެ. އަދި ކުރީގެ ފަނޑިޔާރެއް ކަމަށްވާ މުހައްމަދު ރާގިބު އަހުމަދު، ކުރީގެ އެސިސްޓެންޓް ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ފަޒުނާ އަހުމަދު، އަދި ސިވިލް ކޯޓުގެ ކުރީގެ ޤާޟީ އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް މަރިޔަމް ނިހާޔަތުވެސް ވަނީ މި މަޤާމަށް ކުރިމަތިލައްވާފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ 7 އެވެ. މިވަގުތު އެ ކޯޓުގެ ބެންޗްގައި ތިއްބެވީ އުއްތަމަ ފަނޑިޔާރު މުއަތަސިމް އަދުނާން، ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު ޑރ. އިބްރާހީމް އަދި ފަނޑިޔާރު އާއިޝަތު ޝުޖޫން އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!