މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި ރ. މީދޫއަށް ނިސްބަތްވާ މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ މީހުން ބަންދު ނުކުރެވޭނެ ކަމަށް ހައި ކޯޓުން އަނެއްކާވެސް ނިންމައިފި އެވެ.

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ޖުލައި، 2017 ގައި ގްރޫޕަކުން ގޮސް ހަމަލާދީ އަނަސް މަރާލި މައްސަލައިގައި ހަތް މީހަކަށް ދައުލަތުން ދައުވާކުރެ އެވެ. އެއީ ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު އުސްމާން ޝަރީފާއި ލ. ގަން ތުނޑި، ނަންނާރިގޭ ޖުނައިހު އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒްގެ އިތުރުން ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒްގެ މައްޗަށެވެ.

Ad
rt

އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށް، އެ ހަތް މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދު ކުރަން އެދުނެވެ.

އެކަމާ ގުޅިގެން ހައި ކޯޓުން ނިންމީ މިއަދު ނިންމި ނިންމުމުގައިވަނީ ދައުވާލިބޭ މީހުން އެ ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރި ކަމަށް ބުރަވެވޭ ފަދަ ތަފްސީލެއް ދައުލަތެއް ހުށަހަޅާފައިނުވާތީ އެ މީހުން ބަންދު ނުކުރެވޭނެ ކަމަށެވެ.

މީގެކުރިން ވެސް ހައި ކޯޓުން ކުރިން ނިންމާފައިވަނީ އެ ހަތް މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން ޖެހޭ ހާލަތެއް ނެތް ކަމަށެވެ. އޭރު ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމީ ހައި ކޯޓުގެ ނިންމުން ގޯސް ކަމަށެވެ.

އަނަސްގެ މަރާ ގުޅިގެން ކުޑަކުއްޖަކަށް ވެސް ދައުވާކުރި އެވެ. އެ ކުއްޖާގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމެއް ހައި ކޯޓުން ކުރިން އިއްވި އެވެ.