ކުށްމަދު އަމާން މާހައުލެއް ޤާއިމު ކުރުމަށް ސްކޫލު ދަރިވަރުންނާއި، މުދައްރިސުން އަދި ބެލެނިވެރިން ހޭލުންތެރިކުރުމަށް ފުުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. ހަނިމާދޫ ސްކޫލު، ހދ. ނެއްލައިދޫ ސްކޫލު އަދި ހދ. ނޮޅިވަރަންފަރު ސްކޫލުގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާއި ހދ. އަތޮޅު ޕޮލިސް ސްޓޭޝަންތަކާއި އެރަށްރަށުގެ ސްކޫލުތައް ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްތަކަކީ ޓްރެފިކަށް އަހުލުވެރި ކުރުވުމަށް މަޢުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމުތަކެކެވެ.
ހަނިމާދޫ ސްކޫލާއި ނެއްލައިދޫ ސްކޫލު އަދި ނޮޅިވަރަންފަރު ސްކޫލުގެ ދަރިވަރުންނަށް އެރަށްރަށުގެ ސްކޫލުތަކުގައި ވަކިވަކިން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުތަކުގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އެގޮތުން އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާއި މަގުމަތީގައި ހިނގާބިނގާވެ އުޅުމުގައި ދަރިވަރުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކާއި ބައިސްކަލު ދުއްވާއިރު ސަމާލުކަން ދޭންޖެހޭ ކަންތައްތަކަށް ދަރިވަރުން ހޭލުން ތެރިކުރުމުގެ ގޮތުން ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް މަޢުލޫމާތު ދީފައިވެއެވެ. އަދި އެކްސިޑެންޓްތައް މަދުކުރުމަށް ދަރިވަރުންގެ ފެންވަރުގައި ކުރެވިދާނެ ކަންތައްތަކާއި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ހާލަތުގައި އަމަލުކުރާނެ ގޮތްތައް ބުނެދީފައިވެއެވެ. އަދި ޓްރެފިކް ނިޝާންތައް ބުނެދީ އަމަލީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

ހަނިމާދޫ ސްކޫލު އަދި ނޮޅިވަރަންފަރު ސްކޫލުގެ ބެލެނިވެރިންނަށާއި މުދައްރިސުންނަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރެވިދާނެ ގޮތްތަކާއި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް އުޅަނދު ދުއްވުމާއި އަދި އުޅަނދު ދުއްވުމުގައި ސަމާލުކަންދޭންވީ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި އެކްސިޑެންޓެއް ހިނގައިފިނަމަ އަމަލުކުރަންވީ ގޮތާއި އެކްސިޑެންޓްތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާއިި އެއްގަމު އުޅަނދު ޕާކު ކުރުމުގައި ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ނަސޭޙަތްތެރިވެފައިވެއެވެ.
ފާއިތުވި ޖަނަވަރީ މަހުގެ 30 ވަނަ ދުވަހުން ފެށިގެން މި ހިނގާ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުތަކުގައި ހަނިމާދޫ ސްކޫލުގެ ގްރޭޑް 1 ން 10 އަށް ތައުލީމް ހާސިލްކުރަމުންދާ 400 ދަރިވަރުންނާއި، ނޮޅިވަރަންފަރު ސްކޫލުގެ ގްރޭޑް 4 ން ގްރޭޑް 10 އަށް ތައުލީމް ހާސިލް ކުރަމުންދާ 125 ދަރިވަރުންނާއި، ނެއްލައިދޫ ސްކޫލުގެ ގްރޭޑް 1 ން ގްރޭޑް 6 އަށް ތައުލީމް ހާސިލް ކުރަމުންދާ 122 ދަރިވަރުން ބައިވެރިވެފައިވެއެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!