ޅ. ގާއެރި ފަޅު ކައިރީގައި ފީނަން ނުކުމެ އުޅުނު ބަޔަކު ތިބި ޑިންގީއެއްގައި ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ފަސް މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބިފައި ވަނީ ރޭ މެންދަމު 12:33 ހާއިރު ކަމަށެވެ.

Ad
rt

ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މި އެކްސިޑެންޓްގައި ޑިންގީގައި ތިބި ފަސް މީހުންނަށް އެކި ވަރުގެ އަނިޔާތައް ވެފައިވެއެވެ.

އޭގެ ތެރެއިން އެކަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ވެފައެވެ. އަނިޔާވި މީހުންނަށް މިހާރު ވަނީ ޅ އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މި އެންމެންނަކީ ވެސް ދިވެހި ފިރިހެނުންކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓްގައި ހިމެނޭ ޑިންގީ ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

މި މައްސަލަ ތަޙުޤީޤު ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

މި މޭމަހު 12 ވަނަ ދުވަހުގެ ރޭ ނ. އަތޮޅުގެ ރިސޯޓެއްގެ ނެރު ކައިރީގައި ފީނަން އުޅުނު މީހެއްގެ ގައިމަތިން ދިޔަ ލޯންޗެއްގެ ބުރަފަތިން ޖެހި އެ މީހާގެ އަތް ބުރިވުމުގެ ހިތާމަވެރި ހާދިސާއެއް ވެސް ހިނގާފައެވެ. މި ހާދިސާގައި އަނިޔާވި މީހާ އަށް އަވަސް ފަރުވާއެއް ދިނުމަށްޓަކައި މާލެ ގެނެސް، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފަވެއެވެ.