ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވެސް އިން "ޓޫރިޒަމް ޑެސްޓިނޭޝަން ޕާޓްނަރ" އަށް ހަމަޖައްސާފައިވާ ލިވަޕޫލް ފުޓްބޯޅަ ކްލަބްގެ ސީނިއާ މެނޭޖްމެންޓް ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.

އެމްއެމްޕީއާރުސީން ރާއްޖެ އިޝްތިހާރު ކުރުމަށް ކުރަމުން އަންނަ މި މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން، މި ދަތުރުގައި ރާއްޖެ އައިސްފައި ވަނީ، އެ ޕާޓްނާޝިޕްސްގެ ވައިސް ޕްރެޒިޑެންޓް ޑޭވިޑް ޕޯލް އާއި ލިވަޕޫލް އެފްސީގެ ޑައިރެކްޓާ އޮފް ގްލޯބަލް ޕާޓްނާޝިޕް ޑިވޮލޮޕްމެންޓް އެލެކްސް ފްރޭޒާއެވެ.

Ad
rt

މި ދަތުރުގައި އެ ޓީމުން ދިވެހި ސަރުކާރުގެ އިސްވެރިންނާއި މިނިސްޓަރުންނާއި ޓޫރިޒަމް ދާއިރާގެ އިސްވެރިންނާ އެކު މުހިންމު ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް، ލިވަޕޫލު ވާދަކުރަމުން އަންނަ އިނގިރޭސި ޕްރިމިއާ ލީގުގެ އައު ސީޒަން ފަށާއިރު ވެސް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން އެމްއެމްޕީއާރުސީން ތައްޔާރުވަމުން އަންނައިރު، މިހާރު ލިވަޕޫލާއިއެކު ހަދާފައިވަނީ ތިން އަހަރާއި ހަމަސްދުވަހުގެ އެއްބަސްވުމެކެވެ.

ލިވަޕޫލަކީ އިންގިރޭސި ވިލާތުގެ އެންމެ މަތީ ފަންތީގެ ފުޓްބޯޅަ ކްލަބްތަކުގެ ތެރޭގައި ހިމެނޭ އެންމެ ކާމިޔާބު އެއް ކްލަބެވެ. ލިވަޕޫލްގެ ބޮޑު ފޭންބޭސް އެއް އޮންނަ އިނގިރޭސި ވިލާތާއި ޖަރުމަނާއި މެދުއިރުމަތިފަދަ އަގުބޮޑު މާކެޓުތަކަށް އަމާޒުކޮށްގެން ކުރަމުން އަންނަ މަސައްކަތުގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ހަރުދަނާ ވެގެން ދާނެ ކަމުގައި އެމްއެމްޕީއާރުސީން ދެކެއެވެ.