މ. މުލި-ނާލާފުށި ކޯޒްވޭ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މި މަޝްރޫޢު ފެށުމުގެ ރަސްމިއްޔާތު ބޭއްވުނީ މިއަދު މުލީގައި އެކަމަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ ޙަފްލާއެއްގައެވެ.

Ad
rt

މި މަޝްރޫޢުގެ ދަށުން 565 މީޓަރުގެ ދިގު ކޯޒްވޭއެއް ޤާއިމްކުރެވޭނެއެވެ. މަޝްރޫޢުގެ މަސައްކަތްތަކުގެ ތެރޭގައި މަގު ހެދުމާއި، ތާރު އެޅުމާއި، މަގު ބައްތި ޖެހުމުގެ އިތުރުން 112 މީޓަރުގެ ރިވެޓްމަންޓް އަދި 15 މީޓަރުގެ ގްރޮއިން ޖެހުން ހިމެނެއެވެ.

މި މަޝްރޫޢު ނިންމުމަށް ސަރުކާރުން ލަނޑުދަނޑި ކަނޑައަޅުއްވާފައިވަނީ 600 ދުވަހުގެ ތެރޭގައެވެ.

މި މަޝްރޫޢު ނިމުމުން މުލި އަދި ނާލާފުށި ގުޅާލެވި، ދެ ރަށުގެ ޚިދުމަތްތައް މަރުކަޒީކޮށް ފޯރުކޮށްދިނުމަށާއި ވަޞީލަތްތައް ޙިއްޞާކުރުމަށް ފަސޭހަވެގެންދާނެކަމަށް ބެލެވެއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ދެ ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ގުޅުން އިތުރަށް ބަދަހިވެ، ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށްވެސް މަގުފަހިވެގެންދާނެއެވެ.

މުލި-ނާލާފުށި ކޯޒްވޭ ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރެއިން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.