އިނގިރޭސިވިލާތުން، އިސްރާއީލާއެކު ވިޔަފާރީގެ އެއްބަސްވުމަކަށް ވާހަކަ ދެއްކުން ހުއްޓާލައި، އެ ޤައުމުގެ ސަފީރު ހާޒިރުކޮށް، އަދި ހުޅަނގު އައްސޭރީގައި ދިރިއުޅޭ ޔަހޫދީ ވަޒަންވެރިންނާ ދެކޮޅަށް އިތުރު ފިޔަވަޅުތަކެއް އަޅައިފިއެވެ.
މި ފިޔަވަޅުތައް އެޅީ އިނގިރޭސި ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ ގާޒާގައި ހިންގާ ހަނގުރާމަވެރި ޢަމަލުތައް "އަޚްލާޤީ ގޮތުން ޖާއިޒުނުވާ" ކަމެއްގެ ގޮތުގައި ސިފަކުރުމަށްފަހުގައެވެ.
މި ފިޔަވަޅުތައް އަޅާފައިވަނީ، އިސްރާއީލުން ހަފްތާ ބަންދުގައި އާ ހަނގުރާމަވެރި ޢަމަލުތަކެއް ފެށުމާ ގުޅިގެން، ގާޒާގައި ބަނޑުހައިހޫނުކަން ފެތުރިދާނެކަމުގެ އިންޒާރުތަޒާރުތަކެއް ދެވުނު ފަހުންނެވެ.
އަންގާރަ ދުވަހުގެ މެންދުރުފަހު ޕާލަމެންޓުގައި ވާހަކަފުޅު ދައްކަވަމުން، އިނގިރޭސި ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ ވަނީ "މި އިސްރާއީލު ސަރުކާރުގެ ނޭދެވޭ ޢަމަލުތަކާއި ރައްދުތައް" ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އަދި އިތުރަށް ވިދާޅުވެފައިވަނީ ސަރުކާރުން "އިސްރާއީލު ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހެން ރަޙްމަތްތެރިންނާއި ބައިވެރިންނާ ދުރުކުރަމުންދާ" ކަމަށެވެ.
އޭނާ ވަނީ ޣައްޒާގައި އިސްރާއީލުގެ ހަނގުރާމަވެރި ޢަމަލުތައް ފުޅާކުރުމާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސްއެޅުމާ މެދު ފާޑުކިޔާ ވާހަކަފުޅު ދައްކަވާފައެވެ.
"އިސްރާއީލުގެ ދާއިމީ ރަޙްމަތްތެރިއެއްގެ ގޮތުގައި އަދި އެ ޤައުމުގެ މިނިވަންކަމުގެ އިޢުލާނުގައި ބަޔާންކޮށްފައިވާ އަސާސީ އަގުތަކަށް އިޙްތިރާމްކުރާ ފަރާތެއްގެ ހައިސިއްޔަތުން މިއީ ވަރީ ވަރަށް ބޮޑަށް ހިތާމަކުރަންޖެހޭ ކަމެކެވެ. އަޅުގަނޑުމެންގެ ދެމެދުގައި އޮތް ދެފަރާތުގެ ގުޅުމުގެ އަސާސްތަކާ ފުށުއަރާ ކަމެއް، މި މަޖިލީހުގެ މެންބަރުން ތަކުރާރުކޮށް ކުށްވެރިކުރާ ކަމެއް، އަދި ޙަޤީޤަތުގައި ބްރިޓިޝް ރައްޔިތުންގެ އަގުތަކަށް ކުރާ އިހާނެތިކަމެއް" ލެމީ ވިދާޅުވެފަވެއެވެ.
"އެހެންކަމުން، މިއަދު އަޅުގަނޑު ރަސްމީކޮށް އިޢުލާންކުރަނީ މި އިސްރާއީލު ސަރުކާރާއެކު އައު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ކުރެވެމުންދިޔަ މަޝްވަރާތައް ވަނީ ހުއްޓާލާފައި ކަމުގައެވެ. އަޅުގަނޑުމެން 2030 ދެފަރާތުގެ ރޯޑްމެޕްގެ ދަށުން އެމީހުންނާއެކު ކުރު ކުރެވޭ އެއްބާރުލުން ފުންކޮށް މުރާޖަޢާކުރާނަމެވެ. މިއަދު އަޅުގަނޑުގެ ޢިއްޒަތްތެރި އެކުވެރިޔާ، މެދު އިރުމަތީގެ ފޮރިން މިނިސްޓަރު، އިސްރާއީލުގެ ސަފީރު ފޮރިން އޮފީހަށް ހާޒިރުކޮށް މި މެސެޖު އަންގަވާނެއެވެ." އިނގިރޭސި ފޮރިން ސެކްރެޓަރީ އިތުރަށް ވިދާޅުވެފަވެއެވެ.
ލެމީ އިތުރަށް ވިދާޅުވެފައިވަނީ ފަލަސްޠީނު ރައްޔިތުންނަށް އަމިއްލަ ދައުލަތެއް އޮންނަންޖެހޭނެ ކަމަށާއި އެމީހުން "އޮކިއުޕޭޝަނުން މިނިވަންވެގެން" ދިރިއުޅެންޖެހޭނެ ކަމަށެވެ.
ޔޫކޭ-އިސްރާއީލު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ފެށިފައިވަނީ 2022 ވަނަ އަހަރުގެ ޖުލައި މަހު، ކުރީގެ ކޮންސަވޭޓިވް ސަރުކާރުގެ ދައުރުގައެވެ.
މިކަމާ ގުޅިގެން، އިސްރާއީލުގެ ޚާރިޖީ ޑިޕާޓްމަންޓުގެ ތަރުޖަމާނު ބުނެފައިވަނީ ބޭރުގެ ފިއްތުންތަކުން "އިސްރާއީލު އޭގެ ވުޖޫދު ދިފާޢުކުރުމުގެ މަގުން އެއްކިބައެއް ނުކުރާނެ" ކަމަށެވެ.
ދުނިޔޭގެ މާހިރުން އިންޒާރު ދީފައިވަނީ، އިސްރާއީލުގެ ސަރުކާރުން ވޭތުވެދިޔަ 11 ހަފްތާގައި ގާޒާއަށް ކާނާއާއި، ތެލާއި، ބޭސް ފޯރުކޮށްދިނުން ހުއްޓުވާލާފައިވާތީ، ބޮޑު ބަނޑުހައިހޫނުކަމެއް ކުރިމަތިވެދާނެ ކަމަށެވެ.
އިސްރާއީލުގެ ސަރުކާރަށް ކުރިން އިންޒާރު ދީފައިވަނީ އެ ޤައުމުން "ނުރައްކާތެރި" ހަނގުރާމަވެރި ފުޅާކުރުން ހުއްޓާލައި، "ވަގުތުން ގާޒާއަށް އިންސާނީ އެހީ ވަނުމަށް ހުއްދަ ދޭން" ޖެހޭނެ ކަމަށް ހޯމަ ދުވަހު އިނގިރޭސިވިލާތް، ކެނެޑާ އަދި ފްރާންސްގެ ލީޑަރުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!