މިއަދަކީ މ. މުލީގެ ތަރައްޤީއަށް ކުރަން ހުރި ގިނަ ކަންތައްތަކެއްގެ ފެށުންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު މ. މުލީ އެއާޕޯޓް ރަސްމީކޮށް ހުޅުވައިދެއްވުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ މުލީ އެއާޕޯޓް ހުޅުވުމާއެކު، މުލަކު އަތޮޅުގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 30 މިނެޓުގެ ތެރޭގައި އެއަރޕޯޓެއް އޮންނަ ރަށަކަށް ދެވޭ ގޮތް ހެދުމަށް ސަރުކާރުން ވެފައިވާ ވަޢުދު ފުއްދައިދެވިފައިވާ ކަމަށެވެ.
މިއާއިއެކު މުލީގެ ތަރައްޤީއަށް، އެތައް ދާއިރާއަކުން ކުރިއެރުން ހޯދޭނެ ދޮރޯއްޓަކަށް މުލީ އެއާޕޯޓްވާނެ ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ 2026 ވަނަ އަހަރު މުލީގެ މަގު ހެދުމުގެ މަސައްކަތް ފައްޓަވައިދެއްވާނެ ކަމަށާއި، ރީޖަނަލް ހޮސްޕިޓަލް ތަރައްޤީ ކުރުމުގެ މަޝްރޫޢު މިހާރު އޮތީ ޢަމަލީ ގޮތުން މަސައްކަތް ފަށަން ތައްޔާރުވެފައި ކަމަށެވެ. އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތްވެސް އަންނަ އަހަރު ތެރޭގައި ފައްޓަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
ބޯހިޔާވަހިކަމުގެ ދާއިރާއަށް އަލިއަޅުވާލައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ މުލީގައި 300 ހައުސިންގް ޔުނިޓް އެޅުމުގެ މަޝްރޫޢުގެ ކަންކަން ކުރިއަށް ގޮސް، ޓެންޑަރިންގ މަރުހަލާގެ ތެރެއިން އެކަންކަން ހަމަޖެހިގެންދާނެ ކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ މުލަކާއި ނާލާފުށި ގުޅާލުމުގެ ކޯޒްވޭގެ މަސައްކަތް ފެށިގެންދާއިރު، 2026 ވަނަ އަހަރުގެ ބަޖެޓްގެ ތެރެއިން ނާލާފުށީ ބިން ހިއްކުމާއި ބަނދަރު އަޕްގްރޭޑްކޮށް ބޮޑުކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށެވެ.
މުލީ އެއާޕޯޓަކީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާ ޙަވާލުކޮށްގެން ނިންމާފައިވާ މަޝްރޫޢެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!