ދިވެހިރާއްޖެއާއި ތައިލެންޑް ސަރުކާރާ ދެމެދު ސިއްޙީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ސްވިޒަލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ 78 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގެ ތެރެއިންނެވެ.
ހެލްތު މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގައި ދެމުންގެންދާ ޕްރައިމަރީ ހެލްތުކެއަރގެ ޚިދުމަތްތައް ހަރުދަނާކުރުމަށާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) ގެ ރެގިއުލޭޓަރީ ޚިދުމަތް ހަރުދަނާ ކުރުމަށާއި، ޞިއްޙީ ދާއިރާގެ އިންސާނީ ވަޞީލަތްތައް ހަރުދަނާކުރުމަށް އެހީތެރިކަން ލިބިގެންދާނެއެވެ.
މީގެ އިތުރުން ހެލްތު ޕޮލިސީ، ހެލްތު ސިސްޓަމް ރިސަރޗް އަދި ހެލްތު އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ ހަރުދަނާކުރުމަށާއި ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އިނޮވޭޓިވް ސަސްޓެއިނަބަލް ފައިނޭންސިންގއަށް އެހީތެރިކަން ލިބިގެންދާނެއެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު ޚަދީޖާ ޢަބްދުއްޞަމަދު ޢަބްދުﷲ އެވެ. އަދި ތައިލެންޑް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އޮފް ހެލްތު ޑޭޝް-އިސް ކައުތޯންގ އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޡިމް އިބްރާހީމް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މިއަދު ސޮއިކުރެވުނު އެއްބަސްވުމަކީ ދެޤައުމުގެ ދެމެދުގައި މިހާރު ކުރިއަށްދާ ޕާޓްނަރޝިޕްގައި ފާހަގަކޮށްލެވޭ މުހިންމު ކާމިޔާބީއެއް ކަމަށެވެ. އަދި ތައިލެންޑުން އާންމު ސިއްހަތަށް ވެދެއްވަމުން ގެންދަވާ ޒަމާންވީ އެއްބާރުލުމާއި ތަޖުރިބާއަށް ޝުކުރު އަދާކުރައްވައި، ޕްރައިމަރީ ހެލްތު ކެއާ، ކެޕޭސިޓީ ބިލްޑިން، ޕޮލިސީ ރިސާޗް، އެކަޑަމިކް އެކްސްޗޭންޖް އަދި ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ފަދަ ދާއިރާތަކުން ދެމުންގެންދާ އެއްބާރުލުމަށް ޝުކުރު އަދާކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރ ސައިމާ ވާޒިދްވެސް ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!