ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަސްދީގުކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސް މި ބިލު ތަސްދީގުކުރަށްވާފައިވާއިރު، މި އިޞްލާޙުގެ ސަބަބުން ކުޅިވަރު ދާއިރާއަށް ގިނަގުނަ ބަދަލުތަކެއް އަންނާނެއެވެ.
މި އިޞްލާޙުގެ މުހިންމު ބައެއް ނުކުތާތަކުގެ ތެރޭގައި ހިމެނެނީ:
1. ކުޅިވަރު ކުރިއެރުވުން ލާމަރުކަޒީކޮށް، އަތޮޅުތަކާއި ރަށްތަކުގެ ފެންވަރުގައި ކުޅިވަރު ކުރިއެރުވުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދިއުން.
2. ކޮންމެ ކުޅިވަރެއްގެވެސް ސަރަޙައްދީ އެސޯސިއޭޝަންތައް އުފެއްދުމާއި ސަރަޙައްދީ މުބާރާތްތައް ބޭއްވުން.
3. ކުޅިވަރަށް ޚާއްޞަ ފަންޑެއް ޤާއިމުކުރުން.
4. ދިވެހިރާއްޖޭގެ ޕެރަލިމްޕިކް ކޮމިޓީއަށް ޤާނޫނީ ބާރުވެރިކަން ލިބިދިނުން.
5. ކުޅިވަރުގެ ދާއިރާގައި ހަމަހަމަކަން ކަށަވަރުކުރުމަށް "މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީ" އުފެއްދުން.
6. ސްޕޯޓްސް އާބިޓްރޭޝަން ނިޒާމު ޤާއިމުކުރުން.
7. ސްކޫލް ކުޅިވަރުތައް ހަރުދަނާކުރުމަށް 'އިންޓަރ ސްކޮލަރސްޓިކް' ކުޅިވަރު އެސޯސިއޭޝަންތަކާއި ކްލަބުތައް އުފެއްދުން.
ރައީސް މުޢިއްޒު، ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީގުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް
މި ރަސްމިއްޔާތުގައި ކުޅިވަރާބެހޭ ވަޒީރު، އެޓަރނީ ޖެނެރަލް، ކޮމިޝަނަރ އޮފް ސްޕޯޓްސް، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް އަދި ނޭޝަނަލް ސްޕޯޓްސް ކައުންސިލްގެ ރައީސްގެ އިތުރުން ކުޅިވަރުގެ ދާއިރާގެ އެހެނިހެން އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބިލަކީ 5 މެއި 2025 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރެވުނު ބިލެކެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީ ތަސްދީގުކުރެއްވުމާ ގުޅިގެން، އެ ބިލު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވި، މިހާރު ވަނީ އެ އިޞްލާޙަށް ޢަމަލުކުރަން ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!