އީ-ވޯޓިންގ ނިޒާމަކަށް ދިޔުމަކީ އެއްވެސް ވަރަކަށް ވިސްނާފައިވާ ކަމެއް ނޫން ކަމަށާއި، އެ ނިޒާމަށް ދިޔުމަށް ނިންމާފައި ނުވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"އީ މޯލްޑިވްސް 2.0" ގެ ބޭނުމަކީ އީ-ވޯޓިންގ އަކަށް ގޮސް އަންނަ ރިޔާސީ އިންތިޚާބު އޮޅުވާލުން ކަމަށް ތުހުމަތުކޮށް އިދިކޮޅު ފަރާތްތަކުން ވަނީ ވާހަކަދައްކާފައެވެ.
މި ޕޮޑްކާސްޓްގައި ޕްރެޒެންޓަރ އަހްމަދު ޝަކީބް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެއީ ވިސްނާފައިވާ ކަމެއްވެސް ނޫންކަމަށެވެ.
"އެކަހަލަ އެއްވެސް ކަމެއް ކުރާކަށްވެސް ނޫޅެން އިނގޭތޯ. ނުވެސް ކުރާނަން. އެއީ، އެކަން ކުރާ ޤައުމުތަކުގައިވެސް އޮޕްޝަނަލީ އޮންނަ ކަމެއް. އަދި މިސާލަކަށް، އެސްޓޯނިއާގައި ވިއްޔާ، އެހެން ހުރިހާ ކަމެއް ޑިޖިޓަލައިޒްކޮށް ނިންމާފައި، އެންމެފަހު ކަމަކަށް އެކަންތައް، އެވެސް އަދި އޮޕްޝަނަލީ ހުޅުވާލާފައި އެއޮތީ," ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެކަމަކީ އެއްވެސްވަރަކަށް އެކަމާމެދު ވިސްނާފައި އޮތް ކަމެއްވެސް ނޫން ކަމަށެވެ.
''އެއްވެސްވަރަކަށް އެކަމާ ވިސްނާފައި އޮތް ކަމެއްވެސް ނޫން. ކުރަން ނިންމާފައި އޮތް ކަމެއްވެސް ނޫން. އެހެންވީމާ، އެކަންވެސް ހަމަ ސާފުކޮށްލަދިނީ،'' ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ތަޢާރަފްކުރި "އީ މޯލްޑިވްސް 2.0" ޕްރޮގްރާމްގެ ތެރޭގައި އީ-ވޯޓިންގ ނުހިމެނޭ ކަމަށް ދާޚިލީ ވަޒީރު އަލީ އިހްސާން ވެސް ވަނީ ކުރިން ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!