ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުއެކީގައި އޮންނަގޮތަށް ޤާނޫނުއަސާސީ އަށް އިސްލާހް ގެނައުމަށް ޚިޔާލު ހޯދުމުގެ ވޯޓު ނެގުމާއި ގުޅޭ ބިލު ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރުތެރޭގައި ހުށަހެޅުމުގެ މަސައްކަތްކުރަށްވަމުން ގެންދަވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުއެކީގައި އޮންނަގޮތަށް ބަދަލުގެންނެވުމަކީ މި ސަރުކާރުގެ ވިސްނުންކަމަށާއި، އެކަމުގައި ފައިދާތައް ގިނަ ކަމަށެވެ. މިހާރު އޮންނަ ގޮތުން ރިޔާސީ އިންތިޚާބު ނިމޭތާ ހައެއްކަ މަސް ފަހުން މަޖިލިސް އިންތިޚާބު އަންނަކަމަށާއި، މި ދެ އިންތިޚާބު ވަކިން ބޭއްވުމުގެ ބަދަލުގައި އެއްކޮށްލެވިއްޖެނަމަ، ދުއިސައްތަ މިލިއަނެއްހާ ރުފިޔާ ސަލާމަތްކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެއީ ރައްޔިތުންގެ ޚިޔާލަށް އަހަންޖެހޭކަމަކަށްވާތީ، އެކަމަށް ބޭނުންވާ ބިލު ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރުތެރޭގައި ހުށަހެޅުމަށް ދަނީ ތައްޔާރުވަމުންނެވެ.
ރައީސް ވިދާޅުވީ، ރައްޔިތުންގާތު ނާހާ ވާން އޮންނަ ކަމެއްވިޔަސް ބޭނުންފުޅުވަނީ ރައްޔިތުންގެ ބަސް ހޯދައިގެން ކުރައްވަންކަމަށާއި، ވެރިކަން ކުރަށްވަނީ ރައްޔިތުންނަށްޓަކައި ކަމަށެވެ.
''މައިގަނޑު ދެ އިންތިޚާބު. ތިން އިންތިޚާބެއް އެބައޮވޭ. ކައުންސިލް އިންތިޚާބު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު. ރިޔާސީ އިންތިޚާބު. މީގެތެރެއިން، ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބާ ދޭތެރޭގައި ގާތްގަނޑަކަށް މި ހޭދަވަނީ ހައެއްކަ މަސް. ހައެއްކަ މަސް ހޭދަވެގެންދާއިރުގައި، އަޅުގަނޑު ހިތުން ރައްޔިތުންނަށް ހަމަ އެންމެ ރަނގަޅު ގޮތަކަށް ވާނީ، ދެ އިންތިޚާބުވެސް އެކުގައި ބޭއްވިގެން ދިޔުން. ދެން މިއީ ހަމަ އަޅުގަނޑުމެން ރައްޔިތުންގެ ޚިޔާލަށް ދާނެ ކަމެއް. ރައްޔިތުންގެ ފެންނަ، ނުފެންނަ ވޯޓެއްވެސް ނަގަންޖެހޭ ކަމެއް. އަޅުގަނޑު ވަކިގޮތެއް މިއަށް ނިންމައިގެނެއް ނިންމޭނެ ކަމެއްވެސް ނޫން. އަދި ނުވެސް ނިންމާނަން، ނިންމެން އޮތަސް. އަޅުގަނޑު ބޭނުންވަނީ ހަމަ ރައްޔިތުންގެ ކިބައިން އަހައިގެން ގޮތެއް ނިންމަން. ރައްޔިތުންނަށްޓަކައި އަޅުގަނޑު ވެރިކަން ކުރަނީ. ރައްޔިތުންނާއެކު، ރައްޔިތުންނާ ގާތުން ހުރިހާ ކަމެއްވެސް މި ކުރަނީ. އަދި ޤާނޫނުއަސާސީވެސް އޮތީ އެހެން.'' ރައީސް ވިދާޅުވެފަވެއެވެ.
މީގެ އިތުރުން ރައީސް ވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއް ނޯންނަގޮތަށް ޕްރިފެރެންޝަލް ވޯޓިން ނިޒާމަކަށް ދިޔުމުން ވެސް ލިބޭނެ ފައިދާތަކަށް އަލިއަޅުއްވާލައްވާފައެވެ.
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުއެކީގައި އޮންނަގޮތަށް ޤާނޫނުއަސާސީ އަށް އިސްލާހް ގެނައުމަށް ޚިޔާލު ހޯދުމުގެ ވޯޓު ނެގުމާއި ގުޅޭ ބިލު ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރުތެރޭގައި ހުށަހެޅުމުގެ މަސައްކަތްކުރަމުން އަންނައިރު، މަޖިލީހުގެ މި ދައުރު މިއަދު ނިމޭނެއެވެ. އަދި އަންނަ ދައުރު އަންނަ މަހު ފަށާނެއެވެ.
ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ބުނާގޮތުން މިފަދަ ވޯޓެއް ނެގޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއްނަގައި، ރައްޔިތުންގެ އާނބަސް ހޯދައިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!