ސްޕެނިޝް ލަލީގާގައި މެޑްރިޑަށް ނިސްބަތްވާ ވާދަވެރި ދެޓީމް ކަމަށްވާ ލަލީގާގެ އެންމެ ކާމިޔާބު ޓީމް ރިއަލް މެޑްރިޑް އަދި އެތްލެޓީކޯ މެޑްރިޑް ބައްދަލުކުރި މެޗް ރިއަލް މެޑްރިޑް ކާމިޔާބުކޮށްފިއެވެ.
ރިއަލްގެ ސްޓޭޑިއަމް ކަމުގައިވާ ސެންޓިއާގޯ ބާނަބެއުގައި ރޭ ކުޅުނު މެޗް ރިއަލް މެޑްރިޑުއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ހަމައެކަނި ގޯލް މެޗްގެ 56 ވަނަ މިނިޓްގައި ކާމިޔާބުކޮށް ދިނީ މެންޑީ ތަނަވަސްކޮށްދިން ފުރުސަތަކުން ކަރިމް ބެންޒެމާއެވެ. މިއީ ބެންޒެމާ މިސީޒަންގެ ލަލީގާގައި ކާމިޔާބުކޮށްދިން 13 ވަނަ ގޯލެވެ.
ރޭގެ މޮޅާއޮއެކު ރިއަލް ވަނީ ބަލިނުވެ 21 މެޗް ހަމަކޮށްފައެވެ. އަދި ޖެހިޖެހިގެން 8 މެޗް ވަނީ ކާމިޔާބުކޮށްފައެވެ.
ޕޮއިންޓް ތާވަލަށް ބަލާއިރު ރިއަލް މިވަގުތު އެއްވަނައިގަ އޮތީ ހަ ޕޮއިންޓްގެ ލީޑަކާއިއެކު ކުޅުނު 22 މެޗުން 49 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި ބާސެލޯނާ އޮތީ ރިއަލް އަށްވުރެ އެއްމެޗު މަދުކޮށް ޖުމްލަ 21 މެޗު ކުޅެ 43 ޕޮއިންޓާއިއެކުއެވެ. ސެވިއްޔާ އަށް ތިންވަނަ ލިބެނީ 21 މެޗުން 38 ޕޮއިންޓް ހޯދައިގެންނެވެ. މިރޭ ރިއަލް އަތުން ޞަލިވި އެތްލެޓިކޯ މެޑްރިޑް އޮތީ ކުޅުނު 22 މެޗުން ލިބުނު 36 ޕޮއިންޓާއިއެކު ފަސްވަނައިގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!