އއ. މަތިވެރީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޑޮމެސްޓިކް އެއަރޕޯޓު މަޝްރޫޢު ފައިނޭންސް ކުރުމަށް، ޝައުގުވެރިވާ ރާއްޖޭގެ އަދި ބޭރުގެ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.
އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވަނީ މި ފުރުޞަތު އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައެވެ.
އއ. އަތޮޅަކީ މިހާތަނަށް އެއަރޕޯޓެއް ނެތް މަދު އަތޮު އަތޮޅުތަކުގެ ތެރެއިން އެއް އަތޮޅެވެ. މި މަޝްރޫޢުގެ ދަށުން 1500 މީޓަރުގެ ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ތަރައްޤީކުރުމާއެކު، ޓެކްސީވޭ، އޭޕްރަން، ފަސިންޖަރ ޓާމިނަލް، ފަޔަރ ސްޓޭޝަން އަދި އެއަރޕޯޓުގެ ޚިދުމަތްދޭ މަގުތައް ތަރައްޤީކުރުން ހިމެނެއެވެ.
އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނީ، މި މަޝްރޫޢު ތަންފީޒުކުރެވޭނީ ކްރޮސް-ސަބްސިޑައިޒޭޝަން މޮޑެލެއްގެ ދަށުންކަމަށެވެ. މި މޮޑެލްގެ ދަށުން، ހޮވޭ އިންވެސްޓަރަށް އެ ވަސީލަތުގެ ރައުސުލްމާލު އަދި ހިންގުމުގެ ޚަރަދުތައް އަނބުރާ ހޯދުމަށް ވިޔަފާރީގެ ގޮތުން ފައިދާ ލިބޭނެ ބައިތަކެއް ހުށަހެޅިދާނެކަމަށް އެ ވުޒާރާއިން ބުންޏެވެ.
މީގެ އިތުރުން ކޮންޓްރެކްޓަރ ފައިނޭންސިންގ، ޕީޕީޕީ މޮޑެލް ނުވަތަ ލޯނު ފައިނޭންސިންފައިނޭންސިންގ މެދުވެރިކޮށްވެސް މި މަޝްރޫޢު ކުރިއަށް ގެންދެވިދާނެކަމަށް އެ ވުޒާރާއިން ފާހަގަކުރިއެވެ.
މިއަހަރު އަލަށް ފަށާ މަޝްރޫޢުތަކުގެ ތެރޭގައި އއ. މަތިވެރި އެއަރޕޯޓު އެޅުމުގެ މަސައްކަތް ހިމެނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ މިދިޔަ އަހަރު ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!