އިހަވަންދިއްޕޮޅުގައި ފަށާފައިވާ ބަންކަރިންގެ ޚިދުމަތުން ލިބުނީ ކިހާވަރެއްތޯ ކޮންމެ ދުވަހަކުވެސް ބައްލަވަމުން ގެންދަވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު މިރޭ ވިދާޅުވީ ބަންކަރިންގެ ވާހަކަ ވަރަށް ގިނައިން ދައްކާތީ އަޑުއިވިވަޑައިގަންނަވާ ކަމަށެވެ. އަދި އެހާ ގިނައިން އެވާހަކަ އެ ދައްކަނީ އެކަމަށް އޮންނަ ޝައުގެއްގެ ބޮޑުކަމުންކަމަށާއި، އެކަމާއި ވަރަށް އުފާކުރަށްވާކަމަށް ސައީދު ވިދާޅުވިއެވެ.
3 މެއި 2025 ގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ބޭއްވެވި ރެކޯޑް ނޫސްވެރިންގެ ބައްދަލުވުމަށް އިޝާރާތްކުރަށްވައި ސައީދު ވިދާޅުވީ، ބަންކަރިންއިން މިހާތަނަށް ލިބުނުވަރު އެދުވަހު ރައީސް ވިދާޅުވެދެއްވިކަމަށެވެ. އަދި ވޭތުވި ފަސް މަސްދުވަހުން 7.4 މިލިއަން ޑޮލަރު ލިބުނުކަމަށާއި، އެއީ ކުޑަ އަދަދެއްނޫންކަމަށް ވެސް ވިދާޅުވިއެވެ.
''ވަރަށް ގިނައިން ދައްކާ ވާހަކައެއް، އެބަ ބުނޭ ކޮބައިހޭ ތިފެށި ބަންކަރިންނަކީ، އަޅުގަނޑު ވަރަށް އުފާކުރަން އެކަމާ، އެއީ އެކަމަށް އޮންނަ ޝައުގުވެރިކަން، އަޅުގަނޑު ވަރަށް އުފާކުރަން ކޮންމެ ދުވަހަކުވެސް އަޅުގަނޑު ބަލާލަން މިއަދު ބަންކަރިންއިން ލިބުނީ ކިހާވަރެއްތޯ؟ ރައީސުލްޖުމްހޫރިއްޔާ ދެއްވި ދިގު ޕްރެސްކޮންފަރެންސްގައި އެމަނިކުފާނަށް އަމާޒުކޮށް ނޫސްވެރިއަކު ކުރި ސުވާލަކަށް ދެއްވި ޖަވާބުގައި ވިދާޅުވީ 7.4 މިލިއަން އެމެރިކާ ޑޮލަރު މިހާ ހިސާބަށް ލިބިއްޖެއޭ، އެއީ ސެޕްޓެމްބަރު 18 ވަނަ ދުވަހު ފެށީ، އޮކްޓޯބަރު، ނޮވެމްބަރު، ޑިސެމްބަރު، ޖެނުއަރީމ ފެބްރުއަރީ، މާރިޗް، މިހާރު މޭގައި މިތިބީ، އެހެންވީމަ ފަސް މަހާއި ދުވަސްކޮޅެއް މިވީ، އެހެންވީމަ ކުޑައެއްނޫނެއް ނޫންތޯ؟'' ސައީދު ވިދާޅުވިއެވެ.
އެއަށްފަހު އެ އަދަދު ކުޑަނޫންކަމަށް ވިދާޅުވި ސަބަބު ވެސް އޭނާ ތަފްސީލްކޮށްދެއްވިއެވެ.
''ކުޑައެއްނޫނޭ މިދެންނެވީ އޭގެ ތެރޭގައި ވީއެސްއެފްއޯ ކިޔާ ޕްރޮޑަކްޓެއް ދިވެހިރާއްޖެއަށް މުޅިންއަލަށް، ދިވެހިރާއްޖެއަށް ދުވަހަކުވެސް ގެނައި އެއްޗެއްނޫން، މުޅިން އަލަށް ގެނެސް މިދެންނެވި 7.4 މިލިއަން ޑޮލަރުގެ 90 ޕަސެންޓަކީ މި ދެންނެވި ވީއެލްއެސްފޯ ބަންކަރކޮށްގެން ހޯދި ފައިސާ، މިހާރު އެ ޓްރެފިކް އިތުރުވަމުން އެބައާދޭ، ރައްޔިތުންގެ މަޖިލީހަށް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ރައީސްގެ ވިސްނުންފުޅުގައި ހުރީ މިފަދަ ޤާނޫނުތަކާއި، އަދި ދައުލަތުގެ ތެރޭގައި ކުރަންޖެހޭ މަސައްކަތްކޮށްގެން މި މަސައްކަތްފުޅާކުރަން، ހަމަ މިސާލެއްދޭންވެގެން މިވާހަކަ މިދެއްނެވީ'' ސައީދު ވިދާޅުވިއެވެ.
ބަންކަރިން ޚިދުމަތުން އާމްދަނީގެ ގޮތުގައި މިހާތަަނަށް 7.2 މިލިއަން ޑޮލަރު ލިބިފައިވޭ: ރައީސް
3 މެއި 2025 ގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހަވަންދިއްޕޮޅުގައި ފަށާފައިވާ ބަންކަރިންގެ ޚިދުމަތުން އެހާތަނަށް އާމްދަނީގެ ގޮތުގައި މިހާތަަނަށް 7.2 މިލިއަން ޑޮލަރު ލިބިފައިވާކަމަށް ވިދާޅުވިއެވެ. އަދި ޓެކްސްގެ ގޮތުގައި 11.4 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.
ބަންކަރިން ޚިދުމަތް އިފްތިތާޙްކޮށްފައި ވަނީ 19 ސެޕްޓެމްބަރު 2024 ގައި ހއ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!