ހއ. އުތީމު ކައުންސިލާއި، އުތީމުގެ އަންހެންނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް، އިސްމާއީލް ނަވީން ބައްދަލުކުރައްވައިފިއެވެ.
އެގޮތުން ޝަހީދު ހުސައިން އާދަމް ބިލްޑިންގގައި އިއްޔެ ބޭއްވި މި ބައްދަލުވުމުގައި، އުތީމުގެ ފުލުހުންގެ ހިދުމަތް ފުޅާކުރުމަށާއި ކުށްމަދު އަމާން ވެއްޓަކަށް އުތީމު ހެދުމަށާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރަށުތެރޭގައި ސީސީޓީވީ ކެމެރާ ހަރުކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަވެއެވެ.
މީގެ އިތުރުން އުތީމަކީ މިހާރަށްވުރެއްވެސް އަމާން ރަށެއްގެ ގޮތުގައި ބޭއްވުމަށް ދެ ފަރާތް ގުޅިގެން ކުރެވޭނެ ކަންކަމާބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުވުމުުގައި އުތީމު ކައުންސިލުންނާއި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ ރަށުގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކުގައި ފުލުހުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި ފުލުހުންނަށް ވަރަށް ޙާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.
އަދި ހަމައެހެންމެ މިއަހަރުގެ ޤައުމީ ދުވަސް ރަސްމީކޮށް އުތީމުގައި ފާހަގަކުރުމަށް ހަމަޖެހިފައިވާތީ އެ ދުވަހަށް ތައްޔާރުވުމުގެ ގޮތުން ގިނަ ގުނަ މަޝްވަރާތަކެއްވެސް ކުރައްވާފައިވެއެވެ.
މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މޫސާ އަލީ ވެސް ބައިވެރިވެލެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!