ސަންލޭންޑު ހޮޓެލްސްގެ އެއް ހިއްސާދާރު، މުހައްމަދު ނަޒީރު (ސަންލޭންޑް ނަޒީރު) މައްޗަށް ޣައިބަށް ކުރާ ކަށުނަމާދު މިރޭ އިޝާނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ބާއްވަން ހަމަޖެހިފައިވާ ކަމުގައި އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެ މިނިސްޓްރީން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުހައްމަދު ނަޒީރު (ސަންލޭންޑް ނަޒީރު) ގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު މިރޭ އިޝާނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
ނަޒީރު އަވާހަރަވީ އާލަސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ ހޮނިހިރު ދުވަހު އިނގިރޭސިވިލާތުގައެވެ. އަވަހާރަވީ އިރު އުމުރުފުޅަކީ 66 އަހަރެވެ.
އައްޑޫ ހުޅުދު އަށް އުފަން ނަޒީރަކީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލްބާރީ އާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސުނުއްސުއޫދުގެ އަނބިކަނބަލުންގެ ވެސް އެއްބަނޑުއެއްބަފާ ބޭބެއެވެ.
ވިޔަފާރީގެ ދާއިރާގެ އިތުރުން ސިޔާސީ ގޮތުން ވެސް ގިނަ ބަޔަކާ ގުޅުން އޮންނަ އަދި ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އެންމެ ފުންނާބު އުސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސަންލޭންޑު ޓްރެވެލްސްގެ ވެސް އެއް ޑިރެކްޓަރު ނަޒީރަކީ އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅާފައިވާ ޓްރޭޑް އެމްބެސެޑަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!