ބޮޑު ތިލަދުންމަތީގައި އޮޑިޓް އޮފީހުގެ ސަރަޙައްދީ އޮފީހެއް ޤާއިމު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި އޮޑިޓަރ ޖެނެރަލް ޙަސަން ޒިއަތު ވިދާޅުވެއްޖެއެވެ.
އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު އެހެން ވިދާޅުވީ ކައުންސިލްތަކުގެ މާލީ ބަޔާން ތައްޔާރު ކުރުމަށް ބޭނުންވާ ތަމްރީންތައް ދިނުމަށް ކުޅުދުއްފުށި ސިޓީގައި ބޭއްވި ތަމްރީން ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ އެއީ އުތުރު ސަރަހައްދުގައި އެފަދަ އޮފީހެއް ނެތުމުން ދިމާވާ މައްސަލަ ތަކަށް ޙައްލެއް ހޯދުމުގެ ގޮތުން ޤާއިމް ކުރާ އޮފީހެއްކަމަށެވެ.
އޮޑިޓަރ ޖެނެރަލްގެ ވާހަކަފުޅުގައި މިއަހަރު ތިލަދުންމައްޗަށް ސަރުކާރުގެ ބަޖެޓްގައި ބޮޑެތި މަޝްރޫއުތަކެއް ކަނޑައަޅާފައިާކަން ފާހަގަ ކުރެއްވިއެވެ.
ޒިޔަތު ވިދާޅުވީ، އޮޑިޓް އޮފީހުގެ ސަރަހައްދީ އޮފީހެއް އެސަރަޙައްދުގައި ޤާއިމްވެގެން ދިއުމަކީ އޮޑިޓް ކުރުމާއި ފަންނީ އެހީތެރިކަން ކައުންސިލްތަކަށް ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެ ކަމެއްކަމަށެވެ. އެގޮތުން މަޖިލީހުގެ އެހީތެރިކަމާއިއެކު މިއަހަރު ނިމުމުގެ ކުރިން އެގޮފި ގާއިމު ވެގެންދާނެކަމަށް ޒިއަތު ވިދާޅުވިއެވެ.
ޒިއަތު ވިދާޅުވީ، އައްޑޫގައި އޮޑިޓް އޮފީހުގެ ސަރަހައްދީ އޮފީހެއް ޤާއިމްކޮށް ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި އެސަރަޙައްދުގައި މާލީގޮތުންހުރި މައްސަލަތަށް ވަރަށްބޮޑަށް ޙައްލު ކުރެވިފައިވާ ކަމަށެވެ.
ކުޅުދުއްފުށީ ސިޓީގައި ކުރިއަށްގެންދިޔަ މާލީ ބަޔާން ތައްޔާރުކުމުމާބެހޭ ޓްރެއިނިން ޕްރޮގްރާމްގައި ހއ، ހދ އަދި ށ އަތޮޅުގެ ރަށްރަށުން 67 ބޭފުޅުން ބައިވެރިވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!