އިންޑިޔާ އާއި ޕާކިސްތާނުގެ މެދުގައި ހިނގި ހަނގުރާމަ ހުއްޓުވުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދައުރެއް އަދާކުރި ކަމަށް ބުނެ އޭނާ ދައްކާފައިވާ ވާހަކަތަކަށް އިންޑިޔާއިން އިންކާރުކޮށް އެކަމުގައި އެމެރިކާގެ އެއްވެސް ދައުރެއް ނެތް ކަމަށް އިންޑިއާ ސަރުކާރުން ބުނެފިއެވެ.

މިކަމާ ގުޅޭ ގޮތުން އިންޑިޔާގެ ބޭރު ކަންތައްތަކާ ބެހޭ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ދެ ގައުމުގެ މެދުގައި ހިނގި ހަނގުރާމަ ހުއްޓުވުމުގައި އެއްވެސް މުޢާމަލާތެއް އެމެރިކާއާ އެކު ހިނގާފައި ނުވާ ކަމަށެވެ.

Ad
rt

ޓްރަމްޕް ވަނީ އިންޑިޔާ އާއި ޕާކިސްތާނުގެ މެދުގައި ހިނގަމުންދިޔަ ހަނގުރާމަ ހުއްޓުވުމުގައި އޭނާގެ އިސް ދައުރެއް އޮތް ކަމަށާއި، އެކަން ކުރީ ވިޔަފާރީގެ މުޢާމަލާތްތަކަކާ ގުޅުވައިގެން ކަމަށް ބުނެފައެވެ. ނަމަވެސް އިންޑިޔާ ސަރުކާރުން ބުނެފައިވަނީ އެ ދުވަސްވަރު އެމެރިކާގެ އިސްވެރިންނާ އެކު މަޝްވަރާތަކެއް ކުރެވުނު ނަމަވެސް، އޭގެ ތެރޭގައި ވިޔަފާރީގެ އެއްވެސް ވާހަކައެއް ދެކެވިފައި ނުވާ ކަމަށެވެ.

"އޮޕަރޭޝަން ސިންދޫރު ފެށުނު މެއި 7 އިން ފެށިގެން މެއި 10 ގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެވުނު ހިސާބަށް، އިންޑިޔާ އާއި އެމެރިކާގެ އިސްވެރިންގެ މެދުގައި މަޝްވަރާތަކެއް ކުރެވުނު. އެހެން ނަމަވެސް އޭގެ ތެރެއިން އެއްވެސް މަޝްވަރާއެއްގައި ވިޔަފާރީގެ ވާހަކައެއް ނުދެކެވޭ،" އިންޑިޔާގެ ބޭރު ކަންތައްތަކާ ބެހޭ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

އިންޑިޔާ ސަރުކާރުން އިތުރަށް ބުނެފައިވަނީ ޕާކިސްތާނުން ހަނގުރާމަ ހުއްޓާލީ އިންޑިޔާގެ ސިފައިންގެ ދުރުވިސްނޭ ހަރުދަނާ ޢަމަލުތަކުގެ ސަބަބުން ކަމަށެވެ. އަދި އެ ދެ ގައުމުގެ މެދުގައި ހިނގި ހަނގުރާމަ ހުއްޓުވުމުގައި އެހެން އެއްވެސް ފަރާތެއްގެ ދައުރެއް ނެތް ކަމަށެވެ.