ޚަޠީބުކަމުގެ ކޯހެއް ފުރިހަމަކުރާ ކައުންސިލަރުންނަށް ޚުޠުބާ ކިއުމަށް ހުއްދަ ލިބޭ ކޯހެއް ފަށަން ސަރުކާރުން ތައްޔާރުވެއްޖެއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވިދާޅުވިގޮތުގައި، ކައުންސިލަރުންނަށް ޚުޠުބާ ކިއުމުގެ ހުއްދަ ދިނުމަށް، ކައުންސިލަރުންގެ ތެރޭގައި މިކަމަށް ޝައުޤުހުރި ފަރާތްތަކަށް ޚާއްޞަ ކޯހެއް ފެށުމަށް މިހާރު އެ ކޯސް ވަނީ ފަރުމާކޮށްފައެވެ.
ވަޒީރު ވިދާޅުވިގޮތުގައި މިއީ، އަތޮޅުތަކުގައި ޚުޠުބާ ކިއުމަށް ހުރި ދަތިތައް ފުޅާ ދާއިރާއެއްގައި ޙައްލުކުރުމުގެ މަޤުޞަދުގައި ކުރިއަށްގެންދަން ނިންމާފައިވާ ކޯހެކެވެ.
ތިން މަސް ދުވަހުގެ މުއްދަތަށް ހިންގާ މި ކޯސް އެކި ބުރުތަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާއިރު، މީގެ ކޮންމެ ބުރެއްގައި 50 ކައުންސިލަރުންނަށް ބައިވެރިވެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
''މި ކޯހުގައި ޚަޠީބު ކަމަށް ބޭނުންވާ ފިޤުހު، ޤުރުއާން، ޢަޤީދާ ހަދީސް ކިޔަވައިދޭނެ. މީގެ ޤުރުއާން ފިޔަވައި އެހެން މާއްދާތައް އޮންލައިންކޮށް ގެންދެވޭނެ. ޤުރުއާން ކިޔަވައިދޭނީ ކައުންސިލަރުން މާލެެ އައިސްގެން، ނުވަތަ އަތޮޅުތަކުގައި ޤުރުއާން މަރުކަޒުގެ ގޮފިތައް މެދުވެރިކޮށް. ޕްރޮގްރާމުގައި ކިޔަވައިދެއްވާނީ ފުންނާބު އުސް އިލްމުވެރިން.'' ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވިގޮތުގައި މި ކޯހުގެ ފުރަތަމަ ބުރަށް އަންނަ މަހު 1 ގައި ހުޅުވައިލާނެއެވެ. އަދި މިއީ ކައުންސިލަރުންނަށް ޚާއްޞަ ކޯހެއްކަން ވެސް ވަޒީރު ވަނީ ފާހަގަކުރަށްވާފައެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އަންނަނީ ޒުވާން ޚަޠީބުން ތަމްރީން ކުރުމަށް ވެސް ކޯސްތަކެއް ހިންގަމުންނެވެ. މިއީ ވަރަށް ތަރުހީބު ބޮޑު ކޯހެއްކަން ފާހަގަކުރެވެއެވެ. މި ކޯހުގެ ތިން ވަނަ ބުރު މިހާރު ފަށަން ތައްޔާރުވެފައިވާއިރު މި ބުރުގައި ބައިވެރިވުމަށް 283 ޒުވާނުން ވަނީ ހުށަހަޅާފައެވެ.
ސަރުކާރުން އަމާޒު ހިފާފައި ވަނީ މި ފަސްއަހަރުތެރޭ 1000 ޒުވާން ހާފިޒުން ތަމްރީން ކުރުމަށެވެ. އެގޮތުން މިހާތަނަށް ޒުވާން ހަތީބުން ތަމްރީން ކުރުމުގެ ދެބުރެއް ވަނީ ބާއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!