ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ހަވީރު ބޭއްވި ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ބައްލަވައިލައްވައިފިއެވެ.

ތަޢުލީމީ ވުޒާރާއިން އިސްނަންގަވައިގެން ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް މިއަދު ވަނީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

Ad
rt

މި ހަރަކާތްތަކުގެ ތެރެއިން ސެންޓްރަލް ޕާކުގައި ކުރިއަށް ދިޔަ ހަރަކާތްތައް ބޭއްވި ސަރަޙައްދަށް ރައީސްގެ ދެކަނބަލުން ވަޑައިގެންނެވުމުން، ތަޢުލީމީ ވުޒާރާގެ އިސްވެރިންނާއި ސްކޫލުތަކުގެ އިސްވެރިން މަރުޙަބާ ދެންނެވިއެވެ. މި ހަވީރުގައި، ދަރިވަރުންގެ ފަރާތުން ރައީސަށް ޚާއްޞަ ހަދިޔާއެއްވެސް އެރުވިއެވެ.

އެތަނަށް ވަޑައިގެން ރައީސްގެ ދެކަނބަލުން ވަނީ އެތަނުގައި ހުރި ސްޓޯލްތައް ބައްލަވައިލައްވައި، ދަރިވަރުންގެ ފަރާތުން ހުށަހެޅި ސްޓޭޖް ހަރަކާތްތައްވެސް ބައްލަވައިލައްވާފައެވެ. އަދި ހަވީރުގައި ބައިވެރިވި ބައެއް ކުދިންނާއި، އެ ކުދިންގެ ޢާއިލާތަކާވެސް ބައްދަލުކުރެއްވިއެވެ.

މި އަހަރުގެ ކުޑަކުދިންގެ ދުވަސް މިފަދަ ގޮތަކަށް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ، ދުވަހުގެ ހަރަކާތްތަކުގައި ކުދިންނާއެކު އެކުދިންގެ ޢާއިލާތަކަށްވެސް ބައިވެރިވެވޭނެ ފުރުޞަތު ހޯދައިދިނުމެވެ. މި ހަވީރުގައި ކުޑަކުދިންނާ ގުޅޭ ޝައުޤުވެރި، ތަޢުލީމީ ހަރަކާތްތަކާއި، މަޖާ ކުޅިވަރުތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ހަރަކާތްތައްވެސް ހިމެނުނެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ދިވެހިރާއްޖޭގައި ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 10 ވަނަ ދުވަހަކީ ކުޑަކުދިންގެ ދުވަސް ކަމުގައި ފާހަގަކުރެވޭ ދުވަހެވެ. މިފަހަރު މި ދުވަސް ފާހަގަކުރެވުނީ ޤައުމީ ފެންވަރުގައި ތަޢުލީމީ ވުޒާރާއިން އިސްނަގައިގެން ކުރިއަށް ގެންދެވުނު ޚާއްޞަ ހަރަކާތްތަކަކާ އެކުގައެވެ.