އެކިކަހަލަ ގޯނާ އާއި އަނިޔާ ލިބެމުންދާ ކުދިންނަށް އެ މާޙައުލުން ނުނިކުމެވި، ކުށްކުރާ ކުދިންނަށް ވަމުން ދިޔުމުގެ ސަގާފަތަށް ނިމުމެއް ގެންނަންޖެހިފައިވާކަމަށް ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހާއި ޔުނިސެފް ގުޅިގެން މިމަހުގެ 10 އިން 12 އަށް ބާއްވާ، ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، މެޑަމް ސާޖިދާ ވިދާޅުވީ މިއަދު ކުށުގެ މާޙައުލުގައި ތިބި ކުދިންނަކީ އިއްޔެ އަނިޔާ ލިބެމުންދިޔަ ނުވަތަ ވިކްޓިމުންގެ ގޮތުގައި ތިބި ކުދިންކަމުގައި ވުމުން، ކުޑަކުދިންގެ ޢަދުލުގެ ނިޒާމާބެހޭ ކަންކަން ނިންމާއިރު މި ޙަޤީޤަތް ޤަބޫލުކުރައްވަންވާނެ ކަމުގައެވެ. އެކަމަނާ ވަނީ ހަޤީޤީ ހާދިސާތަކުން މިސާލު ޖައްސަވައި، މަރުގެ މައްސަލައެއްގައި ހައްޔަރު ކުރެވުނު 14 އަހަރުގެ ކުއްޖެއްގެ މައްސަލައާއި، ގިނަ ދުވަސްތަކެއް ވަންދެން ޖިންސީ ގޯނާ ތަހައްމަލުކުރަމުން އައި 15 އަހަރުގެ ކުއްޖަކަށް ދައުވާ ކުރެވުނު މައްސަލައެއްގެ ވާހަކަ ހިއްސާކުރައްވާފައެވެ.

ފަސްޓް ލޭޑީ ވިދާޅުވީ މި މައްސަލަތަކުން ރަމްޒުކޮށްދެނީ ކުދިންގެ ރައްކާތެރިކަމަށާއި އަވަސް ފިޔަވަޅުއެޅުމުގައި ނިޒާމީގޮތުން ފެއިލްވެފައިވުން ކަމުގައެވެ. އަދި ސްކޫލްތަކާއި މައިންބަފައިން އަދި އަދުލު އިންސާފު ގާއިމުކުރާ މުވައްސަސާތަކުން އެ ކުދިންގެ ފަރާތުން ފެންނަ އިންޒާރުގެ ނިޝާންތައް ދެނެގަނެ އެކަމަށް އަވަސް އިޖާބައެއް ދިނުމަށް އެ ކަމަނާ ގޮވާލެއްވިއެވެ.

މީގެއިތުރުން، މި ސަރަޙައްދުގެ އެހެން ޤައުމުތަކާ އަޅައިބަލާއިރު ރާއްޖޭގައި އަނިޔާވެރި ކުށްތައް މަދުވެފައި، ޖަލު ބަންދަށް ގެންދާ ނިސްބަތް މަތިކަމުގައި މެޑަމް ސާޖިދާ ިދާ ފާހަގަކުރެއްވިއެވެ. އަދި ސިޔާސަތު ހަރުދަނާކުރުމަށް އެތައް އަހަރު ހޭދަކުރި ނަމަވެސް ޒުވާންއުމުރުގައި ކުށުގެ ވެށީގައި އުޅުމުން އެކަމުގެ އަސަރު ޖީލުތަކަށް ދެމިގެންދާ ކަމުގައި އެ ކަމަނާ ވިދާޅުވިއެވެ.

މި މައްސަލަތަކަށް ޙައްލު ހޯދުމަށްޓަކައި، ފަސްޓް ލޭޑީ ގޮވާލެއްވީ ގެންގުޅޭ ވިސްނުން ބަދަލުކޮށް، އާއިލީ ބައިވެރިވުން ހަރުދަނާކުރުމާއި، ޚާއްޞަކޮށް ބައްޕައިން ޝާމިލުވާ މިންވަރު އިތުރުކުރުމާއި، އަދި މުވައްސަސާތަކުގެ މެދުގައި މިހާރަށްވުރެ ބޮޑަށް ގުޅުން ބަދަހިކުރުމަށެވެ.

މީގެ އިތުރުން ނިޒާމުގައި ހުރި އެކިއެކި ފޫނުބެދޭ ކަންކަމާއި ހުރެ ކުށުގެ ވެއްޓަށް ކުދިން ވަނުމަށް ހުރި ފުރުސަތުތައް ނައްތާލައި، އެ ކުދިން އެކަމުގެ ތެރެއަށް ވައްދާ ފަރާތްތައް ޖަވާބުދާރީ ނުވެ ދިއުން ހުއްޓުވުމަށް، ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެ ކަމަނާ އެދިވަޑައިގެންނެވިއެވެ.