ދެބިލު އެއްވަރު ވެފައި ވަނީ އޭޕްރިލް މަހަށް ވެސް ޑިސްކައުންޓު ދީފައިވާތީކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މިއަދު ހާމަކޮށްފި އެވެ.

ސްޓެލްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޭޕްރިލް މަހަކީ ހޫނު ގަދަވުމުގެ ސަބަބުން އާންމުކޮށް ކަރަންޓު ބިލުތައް ވަރަށް ބޮޑުވާ މަހަކަށްވާތީ، ރައްޔިތުންނަށް އިތުރު ލުޔެއް ދިނުމުގެ ގޮތުން މި ޑިސްކައުންޓު ދީފައިވާ ކަމަށެވެ.

Ad
rt

"އޭޕްރީލްމަހުގެ ކަރަންޓުބިލު މިކުންފުނީގެ ކަސްޓަމަރުންނަށް ފޯރުކޮށްދިންއިރު، އެ ބިލުގައިވާ 'ކަރަންޓު ބޭނުންކުރެވުނު ވަރު' އޭގެ ކުރީ މަހާ ތަފާތުވި ނަމަވެސް، ބައެއް ބިލްތަކުގައި ބިލް އަމައުންޓު (ފައިސާގެ އަދަދު) މާރިޗު މަހުގެ (ރަމަޟާން މަހު) ބިލާއި ސީދާ އެއް އަދަދެއްގެ ގޮތުގައި އޮތީ މިދެންނެވި ލުއި ދިނުމުން ކަމުގައި ދެންނެވީމެވެ،"

ސްޓެލްކޯގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، އަލަށް ކަރަންޓު ބޭނުން ކުރަން ފެށި ކަސްޓަމަރުންނަށާއި ނުވަ މަސް ދުވަހުގެ ބިލް ހިސްޓްރީ ނެތް ކަސްޓަމަރުންނަށް ވެސް ބިލްތަކުން 10 ޕަސެންޓުގެ ޑިސްކައުންޓެއް ދީފައިވާ ކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.

މާރިޗް މަހާއި އޭޕްރިލް މަހުގެ ކަރަންޓު ބިލަށް އެއްވަރަކަށް ފައިސާ ދައްކަން ޖެހުމުން، ބައެއް މީހުން ވަނީ ދެ ބިލަށް ވީގޮތާ ގުޅޭ ގޮތުން ސުވާލު އުފައްދައިފައެވެ. ނަމަވެސް، ސްޓެލްކޯއިން މިގޮތަށް ބިލުކޮށްފައި މިވަނީ ކަރަންޓް ބިލުތައް ބޮޑު ނުކުރުމަށް ސަރުކާރުން ބޭނުންވާތީ، އެ ގޮތަށް އަންގައިގެން ކަމަށް ބެލެވެއެވެ.

ފާއިތުވި ރަމަޟާން މަހުގެ ފެން ބިލާއި ކަރަންޓު ބިލުން ޑިސްކައުންޓެއް ރައްޔިތުންނަށް ދީފައިވާ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.