ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަތި ހާލުގައި އުޅެމުންދާ، އެހީތެރިކަމަށް ބޭނުންވެފައިވާ މުސްލިމް އަޚުންނާއި އުޚުތުންނަށް އެހީތެރިވަމުން އަންނަ ރާއްޖޭގެ ޖަމްޢިއްޔާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ފަރާތުން ބަންގްލަދޭޝްގައި ޢިމާރާތް ކޮށްދިން ހަތަރުވަނަ ގެ ހަވާލުކޮށްފިއެވެ.

Ad
rt

މިގެޔަކީ 2019 ވަނަ އަހަރު ޑިސެމްބަރު މަހުގައި އައިއޭސީގެ ޓީމް ބަންގްލަދޭޝްގެ ޝަތްކިރާ ޑިސްޓްރިކްޓަށް ކުރި ޒިޔާރަތުގައި ޢަމަލީގޮތުން ބައިވެރިވެ ޢިމާރާތް ކުރި ގެއެކެވެ.

މީގެ ކުރިން އެޖަމްޢިއްޔާގެ އެހީގައި އެ ޑިސްޓްރިކްގައިވަނީ، 3 ގެ ޢިމާރާތްކޮށް ޢާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.

ބަންގަލަދޭޝްއަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އައި ބާރުގަދަ ޠޫފާން "ބުލްބުލް" ގައި ހަތަރު ހާހެއްހާގެ ހަލާކުވެ، 2 މިލިއަނެއްހާ މީހުން ހާލުގައި ޖެހުނެވެ.

އައިއޭސީގެ ފަރާތުން ފޯރުކޮށްދޭ އެހީގައި ކުރެވޭ މަސައްކަތްތައް ބެލުމަށް ބަންގަލަދޭޝްގެ އެ ޑިސްޓްރިކަށް ދިޔަ ޓީމުންވަނީ ޢިމާރާތްކުރި ގޭގެ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރި ވެފައެވެ.

އައިއޭސީގެ ފަރާތުންވަނީ އެ ޖަމްޢިއްޔާއިން ހިންގާ ވިންޓަރ ކެމްޕެއިންގެ ދަށުން ބަންލަދޭޝްގެ ކޮޒް ބާޒާރުގައި ދިރިއުޅެމުންދާ ރޮހިންޔާ މުސްލިމުންގެ 150 ޢާއިލާއަށް ވިންޓަރ ޕެކް ހަވާލުކޮށްފައެވެ.

އޭގެ އިތުރުން ސީރިޔާއާއި، ފަލަސްޠީންގެ ގާޒާއަށާއި އަދި ޔަމަން ފަދަ ޤައުމުތަކުގައި ދިރިއުޅޭ މުސްލިމް ޢާއިލާތަކަށް ކުރިންވަނީ ފިނި މޫސުމުގެ ފޭރާން ފޯރުކޮށްދީފައެވެ. މިފެށުނު ފެބްރުއަރީ 5 އާއި ހަމައަށް ވިންޓަރ ކެމްޕެއިން ވަނީ އިތުރުކޮށްފައެވެ.

މިދިޔަމަހު، އެ ޖަމްޢިއްޔާއާއި ދިވެހި ޢާއިލާއެއްގެ އެހީތެރި ކަމާއިއެކު، ބަނގުލަދޭޝްގައި ދިރިއުޅޭ ޢާއިލާ ތަކަކަށް ސާފު ފެންލިބޭނެ އިންތިޒާމް ހަމަޖައްސައިދީފައެވެ.

އެވަޅު ހަދައިދިނުމުން ބަންގްލަދޭޝްގެ ސްކޫލެއްގެ ކައިރީގައި ދިރިއުޅޭ 150 ދަރިވަރުންނަށް ފަސޭހަ ކަމާއެކު ސާފު ފެން ލިބޭނެ އިންތިޒާމުވަނީ ހަމަޖެހިގެން ގޮސްފައެވެ. އަދި 200 އެއްހާ ވިލެޖުގެ އަހުލުވެރިންނަށް އެ ވަޅުން ފަސޭހަ ކަމާއެކު ފެން ލިބޭނެކަމަށް އެފަރާތުން ބުނެފައިވެއެވެ.