ޑިޖިޓަލައިޒޭޝަންގެ ތެރެއިން ވަރަށް ބޮޑަށް ދެފުށް ފެންނާނެ ނިޒާމެއް ޤާއިމުކުރެވޭނެ ކަމަށް ރަސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިރޭ ބާސެލޯ ނަސަންދުރައިގައި ބޭއްވި "ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް" ގެ އިފްތިތާޙީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ކުރާ މަސައްކަތުގައި ކޮރަޕްޝަން ނައްތާލަންޖެހޭ ކަމަށެވެ. އަދި މިކަން ހާސިލްކުރުމަށް ޤައުމުގެ ހިންގުމުގެ ނިޒާމް ޑިޖިޓަލައިޒްކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ ޑިޖިޓަލައިޒޭޝަންގެ ތެރެއިން މިހާރު ބޭނުންކުރާ އައި.ޑީ.ކާޑަކީ، ސްމާޓް، ޑިޖިޓަލް، އަދި ހުރިހާ ޚިދުމަތެއް އެ ކާޑުން ހޯދޭނެގޮތް ހިމެނޭ ކާޑަކަށް ހެދުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި ސައިބަރ ސެކިއުރިޓީ އިންތިހާއަށް ރަނގަޅުކޮށް، ޚިދުމަތުގެ ނިޒާމް ވަރުގަދަކުރެވޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، 2028 ވަނަ އަހަރާ ހަމައަށް ދާއިރު، މިހާރުގެ ވަރކް ފޯސްގެ ތިން ބައިކުޅަ އެއްބައި ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް ބަދަލުކުރުމަށް އުންމީދުކުރައްވާ ކަމަށެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ވަށާޖެހޭ، މާނަހުރި، ދެމެހެއްޓެނިވި ތަރައްޤީ ހާސިލުކުރުމަށް މި ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އުމްރާނީ ތަރައްޤީގެ އިތުރުން މުޖުތަމަޢުގެ ކަންކަން ރަނގަޅުކޮށް 'ގުޑް ގަވަރނަންސް'ގެ ސިޔާސަތުތައް ތަންފީޒުކުރުމަށް މަސައްކަތްތައް ކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޑިޖިޓަލައިޒޭޝަންގެ ކަންކަން އެންމެ ފުރިހަމައަށް ހައަށް ހާސިލްކޮށްފައިވާ އެއް ޤައުމަކީ އެސްޓޯނިއާ ކަމަށެވެ. އަދި ދިވެހިރާއްޖެ ޑިޖިޓަލައިޒްކުރުމަށް ކުރައްވާ މަސައްކަތުގައި އެސްޓޯނިއާ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވަމުންދާތީ އެކަމަށްޓަކައި އެމަނިކުފާނު އެސްޓޯނިއާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ
"ދިވެހިރާއްޖެ 2.0" އަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް އިފްތިތާޙްކުރި ޕްރޮގްރާމެކެވެ. މި މަޝްރޫޢުގެ އަމާޒަކީ ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި ދައުލަތުގެ މުއައްސަސާތައް ހިންގާ ގޮތަށް އިންޤިލާބީ ބަދަލުތަކެއް ގެނައުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!