ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރެއްވުމަށް ފައްޓަވާފައިވާ "ދިވެހިރާއްޖެ 2.0" ގެ އެންމެ ބޮޑު އެއް މަޤްޞަދަކީ ކޮރަޕްޝަން ނައްތާލުންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 5 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

މި ޕްރޮގްރާމްގައި ރައީސް ވިދާޅުވި ގޮތުގައި، ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުން، މަޤާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރުމުގެ ފުރުޞަތު ކުޑަވެ، ދެފުށް ފެންނަ މިންވަރު އިތުރުވެގެންދާނެއެވެ.

ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫޢުގެ ބޭނުމަކީ ޞިއްޙީ ނިޒާމާއި، ތަޢުލީމީ ނިޒާމާއި، މުޅި ސަރުކާރާއި ދައުލަތުގެ އިދާރާތަކުގެ އިތުރުން، ޕްރައިވެޓް ސެކްޓަރގެ މައިގަނޑު ޚިދުމަތްތައްވެސް ޑިޖިޓަލައިޒް ކުރުމެވެ. މިކަމަށް ޚާއްޞަ ޤާނޫނެއް ޑްރާފްޓް ކުރަމުންދާ ކަމަށާއި، މިއީ ހަތަރު އަހަރުގެ ޕްރޮޖެކްޓެއްގެ ގޮތުގައި ރޭވިފައިވާ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން، މިހާރު ބޭނުންކުރާ އައި.ޑީ ކާޑު ބަދަލުވެ، ޑިޖިޓަލް އައި.ޑީ ކާޑެއް ތަޢާރަފުކުރެވޭނެ ކަމަށާއި، މި ކާޑުގައި ރައްޔިތުންގެ ހުރިހާ މަޢުލޫމާތެއް ހިމެނޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ސަބަބުން ޓެކްސް ފައިލް ކުރުމާއި އެހެނިހެން ސަރުކާރުގެ ޚިދުމަތްތައް ހޯދުން ފަސޭހަވެގެންދާނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މި މަޝްރޫޢު ތަންފީޒުކުރުމުގައި އެސްޓޯނިއާގެ ތަޖުރިބާ ބޭނުންކުރެވޭނެއެވެ. އެ ޤައުމުގެ ސަރުކާރުން މިކަމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި، އެސްޓޯނިއާގެ އެކްސްޕާޓުންގެ ޓީމެއް މިހާރުވެސް ރާއްޖޭގައި މަސައްކަތްކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ ސަބަބުން ކޮރަޕްޝަން މަދުކުރެވި، ސަރުކާރުގެ ހިންގުން އަވަސްވެ، ރައްޔިތުންނަށް ޚިދުމަތް ހޯދުން ފަސޭހަވެގެންދާނެއެވެ. އަދި މީޑިއާއިން މަޢުލޫމާތު ހޯދުމަށްވެސް ފަސޭހަވެގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، އެސްޓޯނިއާއިން 25 އަހަރު ތެރޭގައި ކުރި މަސައްކަތް ރާއްޖޭގައި 4 އަހަރުގެ ތެރޭގައި ކުރެވޭތޯ މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި މިކަމަށް އެސްޓޯނިއާގެ ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

"މޯލްޑިވްސް 2.0" މަޝްރޫޢުގެ ރަސްމީ ފެށުމުގެ ގޮތުން، މިއަންނަ ހުކުރު ދުވަހުގެ ރޭ ޑިޖިޓަލް ކޮންފަރެންސެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ހާމަކުރެއްވިއެވެ. މި ކޮންފަރެންސްގައި އެސްޓޯނިއާގެ ޑިޖިޓަލައިޒޭޝަންގެ މަސައްކަތް ފެށި އެއް ޕައިނިއަރ ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ނިޒާމު އެއްކޮށް ބަދަލުވެގެންދާނެއެވެ. މިހާރު ވަކިވަކިން ހުރި ޑިޖިޓަލް ޚިދުމަތްތައް، މިސާލަކަށް "ވަން ގަވް" އާއި ޖެމްސް ފަދަ ނިޒާމުތައް، އެއް ނިޒާމެއްގެ ދަށުން ގުޅިލާމެހިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ނިންމާލަމުން ރައީސް މުޢިއްޒު ވިދާޅުވީ، މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ޕްރެސް ފްރީޑަމްވެސް ރަނގަޅުވެގެންދާނެ ކަމަށާއި، ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖެ މި ދާއިރާއިން ކުރިއަރާފައިވާ ޤައުމުތަކުގެ ފެންވަރަށް ގެންދިއުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.