ބައެއްކަހަލަ ކުށްތަކުގައި "ވާނުވާ" ބަންދުގައި ތިބި މީހުންގެ ތެރެއިން ގާތްގަނޑަކަށް ތިންބައިކުޅަ އެއްބަޔަށް ލުއިގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 5 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޕޮޑްކާސްޓްގައި ރައީސް ވިދާޅުވި ގޮތުގައި މިހާރު 300 އަށްވުރެ ގިނަ މީހުން ވާނުވާގައި ތިބިއިރު، އޭގެ ތެރޭގައި 6 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މީހުންވެސް ހިމެނެއެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މި މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާނެއެވެ. މިގޮތުން، ހުޅުމާލޭގައި 11 ކޯޓުރޫމް ހިމެނޭ ކްރިމިނަލް ކޯޓެއް އަޅަމުންދާ ކަމަށާއި، ކޯޓުތަކަށް ބޭނުންވާ އިދާރީ މުވައްޒަފުން ހަމަކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ވާނުވާގައި ތިބި މީހުންނަށް ލުއިގޮތްތަކެއް ހޯދައިދިނުމަށްޓަކައި ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއް (ޓެގް) ބޭނުންކޮށްގެން ބައެއް މީހުން ގޭ ބަންދަށް ބަދަލުކުރެވޭތޯ ބައްލަވަމުންދާ ކަމަށާއި، ނަމަވެސް ޖިންސީ ކުށުގެ ތުހުމަތުގައި ތިބި މީހުން މި ނިޒާމުގެ ދަށުން ދޫކުރުމަށް ގަސްދެއް ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ކުދިކުދި ކުށްތަކާއި ބަލިކަށި ހެކި ހުރި މައްސަލަތައް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މުރާޖަޢާކޮށް، ބައެއް މައްސަލަތައް އަނބުރާ ގެނެވޭތޯ ބެލުމަށާއި، ކަފާލާތުގެ ނިޒާމުގެ ދަށުން ބައެއް މީހުން ދޫކުރެވޭތޯ ބެލުމަށްވެސް މަސައްކަތް ކުރައްވަމުންދާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
''ހައްޔަރުކޮށްފައި ތިބި މީހުންގެ ތެރެއިން ކުދިކުދި ކުށްތައް، ނޫނީވިއްޔާ ބަލިކަށި ހެކިހުރި ފަރާތްތައް، މި ކޭސް ބައި ކޭސް، ޕީ.ޖީ.ގެ ފަރާތުން ބަލަން މިހާރު އަޅުގަނޑު ވާނީ ދަންނަވާފައި. ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބެލެންއޮތް އެންމެ ރަނގަޅަކަށް އެފަރާތްތަކުގެ ކުށްތައް ތަންކޮޅެއް ތަފްޞީލުކޮށް ބަލައި، ކޭސް ބައި ކޭސް، އެ މައްސަލަތަކުގެ ތެރެއިން ޕީ.ޖީ. އިން އަނބުރާ ގެނެވެންހުރީ ކޮން މައްސަލަތަކެއްތޯ އިނގޭތޯ. ސީރިއަސް ނޫން މައްސަލަތަކުގެ ތެރެއިން. އޭރުންވެސް ކޮންމެވެސްވަރެއް މަދުވެގެންދާނެ.'' ރައީސް ވިދާޅުވެފަވެއެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މި މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި މައްސަލަތައް އަވަހަށް ބަލައި ނިންމުމަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!