އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލް، ހިސެން ބްރާހިމް ޠާހާ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އާއި މިއަދު ބައްދަލު ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މިއަދު މެންދުރު ރައީސް އޮފީހުގައި އޮތް މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ އޯ.އައި.ސީއިން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެ ޖަމްޢިއްޔާގެ ހަރުދަނާ ލީޑަރޝިޕަށްވެސް ތަޢުރީފު ކުރައްވާފައިވެއެވެ.

Ad
rt

އޯ.އައި.ސީގެ ސެކްރެޓަރީ ޖެނެރަލް ހިސެން ބްރާހިމް ޠާހާ ވަނީ ދިވެހިރާއްޖެއަކީ އޯ.އައި.ސީގެ މެމްބަރު ޤައުމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ގައުމުކަމުގައި ސިފަކުރައްވާފައިވާއިރު، އަދި ރާއްޖޭގައި ގާއިމުކޮށްފައިވާ މުއައްސަސާތަކާ މެދު ފަޚުރުވެރިވެވަޑައިގަންނަވާކަމުގައިވެސް ވިދާޅުވިކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ބައްދަލުވުން ނިމުމާއެކު، ރައީސް މުޢިއްޒު އަދި އޯ.އައި..އައި.ސީގެ ސެކްރެޓަރީ ޖެނެރަލް ވަނީ އިސްލާމީ މުޖުތަމަޢުގެ ލާބައާއި މަންފާއަށްޓަކައި ދެ ފަރާތުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.

1969 ވަނަ އަހަރު އުފެދުނު އޯއައިސީގެ މެމްބަރުންގެ ގޮތުގައި ހިމެނެނީ މުސްލިމު މެޖޯރިޓީ ގައުމުތަކާއި މުސްލިމުންގެ އާބާދީ ބޮޑު ގައުމުތަކެވެ. އޭގެ ތެރޭގައި އެފްރިކާ އާއި އޭޝިއާގެ ގައުމުތައްވެސް ހިމެނެއެވެ.

އޯއައިސީ އަކީ އދ އަށް ފަހު ދުނިޔޭގެ އެންމެ ބޮޑު އިންޓަރގަވަމެންޓަލް އޯގަނައިޒޭޝަނެވެ. އދ އަދި ޔޫރަޕިއަން ޔޫނިއަން ގައި އޯއައިސީގެ ދާއިމީ މަންދޫބުން ތިބެއެވެ. އޯއައިސީގެ އަމާޒަކީ އިސްލާމްދީނުގެ އުސޫލުތައް ދަމަހައްޓައި މެމްބަރު ގައުމުތަކުގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކޮށް ދުނިޔޭގެ ސުލްހަޔަށް މަސައްކަތްކުރުމެވެ.