ކުޅުދުއްފުށި ސިޓީ ކައުންސިލުން ސިޓީތަކާއި އިދާރީ ދާއިރާތަކާ ބެހޭ ވުޒާރާގެ ވަޒީރު، އާދަމް ޝަރީފް އުމަރާއި ބައްދަލުކުރައްވައިފިއެވެ.

މި ހަފްތާގެ ހޯމަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް އާއި ބައެއް ކައުންސިލަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Ad
rt

ކުޅުދުއްފުށި ސިޓީ ކައުންސިލުން މައުލޫމާތު ހާމަކޮށްފައިވާ ގޮތުގައި މި ބައްދަލުވުމުގައި، 2024 ވަނަ އަހަރު ދައުލަތުގެ ބަޖެޓުގައި ކުޅުދުއްފުއްޓަށް ހިިމެނިފައިވާ މަޝްރޫޢުތައް 2025 ވަނަ އަހަރު ބަޖެޓުން ފެންނަން ނެތުމުގެ ސަބަބުން ކައުންސިލުންވަނީ އެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މީގެ އިތުރުން މިހާރުގެ ކުރެހުން ސެޓާއި ބީ.އޯ.ކިއު ނިމިފައިވާ ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތް އަވަހަށް ޓެންޑާ ކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވުމަށާއި، ޕަބްލިކް ވޯކްސްގެ ވަސީލަތްތައް އިތުރުކުރުމާއި އެ ޔުނިޓްގެ މަސައްކަތްތައް ހަރުދަނާކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވާކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސލުން ބުނީ، މި ބައްދަލުވުމުގައި، ކައުންސިލްތައް ހިންގުމުގައި ދިމާވަމުންދާ ގޮންޖެހުންތަކާމެދު މަޝްވަރާކޮށް، ނިޒާމުތައް އިތުރަށް ހަރުދަނާކޮށް ކައުންސިލްތައް ބާރުވެރިކުރުވާ ރައްޔިތުންނާ ގާތަށް ވެރިކަމުގެ ބާރުތައް އިތުރަށް ގެނެވޭނެ ގޮތްތަކާއި، ކައުންސިލަކަށް މާލީ ބާރުވެރިކަން ހޯދޭނެގޮތްތަކާއި ބެހޭގޮތުން ވެސް ވަޒީރާއި ހިއްސާކޮށްފައިވާކަމަށެވެ.

ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް ހިމެނޭހެން ބައެއް މެމްބަރުންގެ މައްޗަށް އެކުލަވާ ޓީމެއް މިވަގުތު ތިއްބެވީ ވެރިރަށް މާލޭގައެވެ. މި ދަތުރުގެ ތެރެއިން ސަރުކާރުގެ އެކި ވުޒާރާތަކާއި ބައްދަލުކުރަށްވައި ސިޓީގެ ތަރައްގީއާއި ގުޅޭ މަސައްކަތްތައް އަވަސްކުރުމަށް ސިޓީ ކައުންސިލުން ދަނީ މަސައްކަތްކުރަށްވަމުންނެވެ.