މި އަހަރުގެ ވޭތުވެދިޔަ މަސްތަކާއި އަޅާބަލާއިރު ހުސްވި އޭޕްރީލް މަހު ޑެންގީ ހުމުގެ ކޭސްތައް އިތުރުވެފައިވާކަމަަށް ހެލްތް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ހެލްތް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރު މިހާތަނަށް އެންމެ ގިނައިން ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ރ. އަތޮޅު އަދި އއ. އަތޮޅުންނެވެ.

Ad
rt

މި ކަންބޮޑުވުން އިތުރުވަމުންދާ ދަނޑިވަޅުގައި، ހެލްތް މިނިސްޓްރީން ވަނީ މިކަމަށް ސަމާލުވުމަށް އިލްތިމާސްކުރުމާއެކު، ރައްޔިތުންނަށް ޚާއްޞަ އިރުޝާދުތަކެއް ދީފައެވެ.

ޑެންގީ ހުމުން ރައްކާތެރިވުމަށް މިނިސްޓްރީން ދީފައިވާ އިރުޝާދުތަކުގެ ތެރޭގައި މަދިރި ހެފުމުން ރައްކާތެރިވުމާއި، މަދިރި އާލާވާ ތަންތަނާއި ތަކެތި ނައްތާލުން ހިމެނެއެވެ. މަދިރި ހެފުމުން ސަލާމަތްވުމަށް، DEET، Picaridin، IR3535 ފަދަ މާއްދާތައް އެކުލެވޭ މަދިރި ލޯޝަން ނުވަތަ ސްޕްރޭ ބޭނުންކުރުމަށް އިރުޝާދު ދީފަވެއެވެ. އަދި ހަށިގަނޑު ނިވާވާގޮތަށް ހެދުން ލުމާއި، ގޭގައި މަދިރިދާ ޖެހުމަށްވެސް ލަފާދީފައި ވެއެވެ.

މީގެ އިތުރުން، މަދިރި އާލާވާ ތަންތަން ނައްތާލުމަށް ގެއާއި ގޯތިތެރެ ސާފުކޮށް ބެލެހެއްޓުމާއި، ފެންހަރުލާ ތަކެތި ހަފްތާއަކު އެއްފަހަރު ސާފުކުރުމަށް އިރުޝާދު ދީފައިވާއިރު، އާންމު ތަންތަނާއި ކޮންސްޓްރަކްޝަން ސައިޓްތަކުގައި ފެންހަރުލާ ތަކެތި ރަނގަޅަށް ބަންދުކުރުމަށްވެސް އަންގާފައި ވެއެވެ.

ޑެންގީ ހުމަކީ މަދިރީގެ ޒަރީޢާއިން ފެތުރޭ ނުރައްކާތެރި ބައްޔެކެވެ. މި ބަލިން ރައްކާތެރިވުމަށް ރައްޔިތުން އަމިއްލައަށް ފިޔަވަޅު އެޅުމާއެކު، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް ޢަމަލުކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ