އަވަށްޓެރި އިންޑިއާ އާއި އެކު ދިފާއީ ދާއިރާއިން އޮތީ ހަތަރު އެއްބަސްވުމެއްކަމަށާއި، އެ އެއްބަސްވުންތަކުން ބައެއް އެއްބަސްވުންތަކަށް ބަދަލުގެނެވި، އަނެއްބައި އެއްބަސްވުންތަކަށް ބަދަލުގެނައުމުގެ މަސައްކަތް ކުރަށްވަމުންގެންދަވާކަމަށް ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައްމޫން މިއަދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޣައްސާން މިފަދައިން ވިދާޅުވީ، މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރާ ސުވާލުކުރުމުގެ ވަގުތުގައި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ޣައްސާން ވިދާޅުވިގޮތުގައި 1965 ވަނަ އަހަރު ރާއްޖެ މިނިވަންވި ފަހުން ދިވެހިރާއްޖެ އާއި އިންޑިއާއި ދެމެދު 100 އަށްވުރެ ގިނަ އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފައެވެ.
''އެހެންނަމަވެސް ދިފާއީ ވުޒާރާއިން ޒިންމާވާ އޮތީ ހަތަރު އެއްބަސްވުން، ދެންމެ ސުވާލުގައި ތި ފާހަގަކުރެއްވި ގޮތަށް އަދި ރައީސް މުޢިއްޒު ވެސް ވިދާޅުވެފައިވާ ގޮތަށް، އިންޑިއާ އާއި ރާއްޖެއާއި ދެ ގައުމުގެ ގާތް ގުޅުމުގެ ތެރެއިން، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް، އެއްވެސް ގެއްލުމެއް ނުވާގޮތަށް އެއްބަސްވުންތައް ބަދަލުކުރުމުގެ މަސައްކަތްތައް ކުރެވި، އަދިވެސް ކުރެވެމުން ދަނީ'' ޣައްސާން ވިދާޅުވިއެވެ.
މީގެ އިތުރުން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު އަޒާން މަރްޒޫގް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޣައްސާން ވިދާޅުވީ، އެއްބަސްވުންތައް އަދި އެއްބަސްވުންތަކަށް ގެންނަ އިސްލާހުތައް ހާމަނުކުރަނީ "ކޮންފިޑެންޝަލިޓީ ކްލޯޒް" ހިމަނާފައިވާތީ އެވެ. ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް އެއްބަސްވުންތައް ހާމަކުރަން މަޖިލީހުން އެދިއްޖެ ނަމަ، އެކަން ކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.
ރާއްޖޭގައި އޭރު ތިބި އިންޑިއާގެ ސިފައިން ހަތިޔާރު ގެންގުޅެފައިނުވާ ކަމަށް ވެސް މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވިއެވެ.
"އޭރު ހަރަކާތްތެރިވި އެއްވެސް އިންޑިއާ ސިފައިންގެ މީހަކު ހަތިޔާރެއް ނުގެންގުޅޭ،" ވަޒީރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!