ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތެލަސީމިއާ ކޮމިއުނިޓީއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ރައީސް ވަނީ އެ ކޮމިއުނިޓީގެ ކަންބޮޑުވުންތަކަށް އަޑުއައްސަވައި، އެ ކަންކަމަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައިކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

Ad
rt

މި ބައްދަލުވުމާއި ގުޅޭ މައުލޫމާތު ހާމަކުރަމުން ރައީސް އޮފީހުން ބުނީ، ތެލަސީމިއާ ޕޭޝަންޓުންނާ ގުޅޭ ކަންކަން ފުރިހަމަކުރުމަށް މި ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާނެ ކަމަށް މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވެފައިވާ ކަމަށެވެ. އަދި ތެލަސީމިއާ ކޮމިއުނިޓީން ފާހަގަކުރެއްވި ކަންކަމަށް ވަރަށް ރަނގަޅަށް ސަމާލުކަން ދެއްވައިގެން ބައްލަވާނެ ކަމަށް ވެސް ވިދާޅުވިކަމަށެވެ.

ތެލަސީމިއާ ކޮމިއުނިޓީގެ ފަރާތުން މި ބައްދަލުވުމުގައި ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ ތެރޭގައި، ސަރުކާރުން ތަރައްޤީކުރާ ތެލަސީމިއާ ހޮސްޕިޓަލްގެ ކަންކަން އެ ކޮމިއުނިޓީގެ މަޝްވަރާއާއި ޚިޔާލާއެކު ކުރިއަށް ގެންދިއުމާއި، ތެލަސީމިއާއާ ގުޅޭ ނިންމުންތައް ނިންމުމުގައި އެ ކޮމިއުނިޓީގެ ބައިވެރިވުން ހިމެނުމާއި އަދި މޯލްޑިވްސް ބްލަޑް ސަރވިސްއިން ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ޚިދުމަތް ދިނުމާއި، އެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުން ހިމެނެއެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ތެލަސީމިއާ ޕޭޝަންޓުންގެ ބައިވެރިވުން އޮވެގެން ސަރުކާރުގެ ސިޔާސަތުތައް އިތުރަށް ފުރިހަމަ ކުރެވޭނެ ކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގައި ތިބެގެން ތެލަސީމިއާ ޕޭޝަންޓުންނަށް ފުރިހަމަ ފަރުވާ ލިބޭނެ މަގު ފަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ވެސް ރައީސް ދެއްވިކަމަށް ރައީސް އޮފީހުން ބުންޏެވެ.