ދިވެހިރާއްޖޭގައި 8.8 ބިލިއަން ޑޮލަރު (135.6 ބިލިއަން ރުފިޔާ)ގެ މާލީ ފްރީ ޒޯނެއް ރާއްޖޭގައި ގާއިމްކުރުމުގެ މަޝްރޫއު މިރޭ އިފްތިތާހުކޮށްފި އެވެ.

މިއީ ގަތަރުގެ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށްވާ ޝޭހް ނާއިފް ބިން އީދު އަލް ތާނީގެ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ކުންފުންޏާއި ދިވެހި ސަރުކާރާ ގުޅިގެން ހިންގާ މަޝްރޫޢު އެކެވެ.

Ad
rt

މައުލޫމާތު ލިބިފައިވާ ގޮތުގައި މިތަން ތަރައްގީ ކުރަނީ ހުޅުމާލެ ފޭސް 3 ގައެވެ.

ކުރުނބާ މޯލްޑިވްސް ރިސޯޓުގައި މިރޭ ބޭއްވި ހަފްލާއެއްގައި މިކަމާ ގުޅޭ ޖޮއިންޓް ވެންޗާ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މިކަމާ ގުޅޭގޮތުން މާލީ ވުޒާރާއިން ބުނީ، މިއީ މުޅިން ދެމެހެއްޓެނިވި، މާލީ މިނިވަން ސަރަޙައްދެއް ކަމަށާއި، މި ސަރަޙައްދު ފަރުމާކުރެވިފައިވަނީ ދުނިޔޭގެ މާލީ މުއައްސަސާތަކާއި، ޑިޖިޓަލް ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެކަށޭނަ ގޮތަކަށް ކަމަށެވެ.

މަޝްރޫޢުގެ ސަބަބުން ދިވެހިރާއްޖެއަށް ފަތުރުވެރިކަމުގެ އިތުރުން އެހެން ދާއިރާތަކަށް އިޤްތިޞާދު ފުޅާކުރުމުގެ ފުރުޞަތު ލިބިގެންދާނޭ ކަމަށް ވެސް މާލީ ވުޒާރާއިން ވަނީ ބުނެފައެވެ.

މުސްތަޤުބަލުގެ މާލީ ދާއިރާ ޤާއިމްކޮށް، ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭ ސަރަޙައްދެއްގެ ޒަރީއާއިން، އިންޑިއާ ކަނޑުގެ ސަރަޙައްދުގައި އެންމެ ފާހަގަކޮށްލެވޭ މާލީ މަރުކަޒުގެ ގޮތުގައި ދިވެހިރާއްޖެ ޤާއިމުކުރެވިގެންދާނޭ ކަމަށްވެސް މާލީ ވުޒާރާއިން ވަނީ ބުނެފައެވެ.

މި މަޝްރޫޢުގެ ބައިނަލްއަގްވާމީ ބައިވެރިޔާ އެމްއައިއެފްސީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ޖުމްލަ 780،000 އަކަމީޓަރުގެ ސަރަހައްދެއްގައި ފަސް އަހަރުގެ ތެރޭގައި އެ ސެންޓަރު ގާއިމްކުރަން ނިންމާފައިވަނީ 6،500އަށް ވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ ގޮތަށް އަދި ދުވާލަކު 35،000 މީހުން ޒިޔާރަތްކުރާނެ ކަމަށް ބަލައިގެންނެވެ.