އޭރު ޖުޑިޝަރީއަށް ނުފޫޒު ފޯރުވަމުން ދިޔައީ ރައީސް އޮފީސް ތެރެއިން، މިހާރު ރައީސް އޮފީހުން އެއްވެސް ތާކަށް ނުފޫޒެއް ނުފޯރުވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ކުރީގެ ރައީސް ޔާމީން އަބުދުލްޤައްޔޫމްގެ މައްޗަށް މިދިޔަ ސަރުކާރުގައި ކުރި ދައުވާތަކާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އޭރުގައި ޤަބޫލުކުރަމުން އައީ އެ ސިޔާސީ ދައުވާ ކުރަމުން ދިޔައީ ސީދާ ރައީސް އޮފީހުގެ ތެރެއިން އޮޕަރޭޓްވެގެންކަމަށެވެ.
''އޭރުގައި ޤަބޫލުކުރަމުން އައީ އެ ސިޔާސީ ދައުވާ ކުރަމުން ދިޔައީ ސީދާ ރައީސް އޮފީހުގެ ތެރެއިން އޮޕަރޭޓްވެގެންކަމަށް، އެއިރު ކަންކަން ހިނގަމުން ދަނީ އެހެން، ސީދާ ޖުޑިޝަރީއަށް ނުފޫޒު ފޯރުވަމުން ދިޔައީ ރައީސް އޮފީސް ތެރެއިން، އެއިރު އެކަން ކުރަމުން އައި ގޮތް އެއީ،'' ރައީސް ވިދާޅުވިއެވެ.
އެކަން ރިޔާސީ ބަހުސްގައި ވެސް ފާހަގަކުރެއްވިކަމަށާއި، ރައީސް އޮފީސް ތެރެއިން ޖުޑިޝަރީއަށް އަތްބާނާ އަތްބޭނުން ނިނުމަކަށް ގެންނާނަމޭ އެދުވަހު ވިދާޅުވި ވިދާޅުވުމާއި އެއްގޮތަށް ހުވާކުރެއްވި ދުވަހުން ފެށިގެން ޢަމަލުކުރަށްވަމުން ގެންދަވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
''އަޅުގަނޑު ރިޔާސީ ބަހުސްގައި ވެސް ދެންނެވިން ރައީސް އޮފީސް ތެރެއިން ޖުޑިޝަރީއަށް އަތްބާނާ އަތްބޭނުން ނިނުމަކަށް ގެންނާނަމޭ، އެކަން ނިމުމަކަށް ގެނައިން އަޅުގަނޑު ހުވާކުރި ދުވަހު ފުރަތަމަ ޚިޠާބުގައި ހަމަދެއްކި ވާހަކަ، މިހާރަކު އެހެންނެއްނުވާނެ، މިހާރު ރައީސް އޮފީހަކުން ޖުޑިޝަރީއަކަށް، ޕީޖީ އަކަށް އެނޫންވެސް ތާކަށް ނުފޫޒެއް ނުފޯރުވާނެ، އަޅުގަނޑު ވަރަށް ރެސްޕެކްޓްކުރަން ދައުލަތުގެ ހުރިހާ މުއައްސަސާތަކަކަށް ވެސް، އެހެންވީމަ އެ ބޭފުޅުންނާއި ހަވާލުވެފައިވާ ގާނޫނީ ޒިންމާ އަދާކުރާނީ އެބޭފުޅުން މިނިވަންކަމާއެކީގައި'' ރައީސް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މައްސަލާގައި ވެސް މުއައްސަސާތަކުން ޢަމަލުކުރަމުން ގެންދާނީ ފުރިހަމަ މިނިވަންކަމާއެކު، އެއްވެސް ނުފޫޒެއް ނެތިކަމަށް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!