ނޫސްވެރިކަމުގެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަށް ހިއްސާކުރާ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ދެއްވައިފިއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސް މުޢިއްޒު އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި މެސެޖުގައި ވިދާޅުވެފައިވަނީ، އޭ.އައިގެ ޒަމާނުގެ ފުރުޞަތުތަކާއި ގޮންޖެހުންތަކާ ދުނިޔެ ކުރިމަތިލަމުންދާ މި ދަނޑިވަޅުގައި، ޑިމޮކްރަސީގެ އެއް ތަނބު ކަމުގައިވާ ނޫސްވެރިކަމުގެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަށް އެމަނިކުފާނު ސާބިތުވެ ހުންނަވާނެ ކަމަށެވެ.
ރައީސް މުޢިއްޒުގެ މެސެޖުގައި، ދުނިޔޭގެ އެކިކަންކޮޅުތަކުން ޞައްޙަ އަދި މުޢުތަބަރު ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދިނުމުގައި ގަދަ ހިތްވަރާއެކު، ސާބިތު ޢަޒުމެއްގައި ނޫސްވެރިން ކުރާ މަސައްކަތަށް ސާބަސްދެއްވާފައިވެއެވެ. އަދި ޑިމޮކްރަސީ އާއި އިންސާނީ ކަރާމާތް ހިމާޔަތްކޮށް، ޢަދުލުއިންސާފު ނެގެހެއްޓުމުގައި ނޫސްވެރިން އަދާކުރާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ.
"މީޑިއާގެ މިނިވަންކަމާއި މުސްތަޤިއްލުކަމާއި ޒިންމާދާރުކަން ދެމެހެއްޓުމުގެ ޢަޒުމުގައި ހުންނެވިކަމުގެ ޔަޤީންކަން އަރުވަން. ނޫސްވެރިކަމުގެ އަޚުލާޤު ނަގަހައްޓައި، މުޢުތަބަރު މަޢުލޫމާތު ދައުރުކުރުމަކީ ވަރަށް މުހިންމު ކަމެއް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ޝިޢާރަކީ "ހިތްވަރުގަދަ އައު ދުނިޔެއެއްގައި ރިޕޯޓުކުރުން: މިނިވަން ނޫސްވެރިކަމަށާއި މީޑިއާއަށް އާޓިފިޝަލް އިންޓެލިޖަންސް އިން ފޯރާ އަސަރު" އެވެ. މި ޝިޢާރާ ގުޅިގެން ރައީސް މުޢިއްޒު ވިދާޅުވީ، އޭ.އައި އަކީ ދެފުށްފެންނަ ގޮތެއްގައި ބޭނުންކުރެވިއްޖެ ނަމަ، މަޢުލޫމާތު ތަޙުލީލުކުރުމާއި، އުފެއްދުންތައް ދުރަށްފޯރުކޮށްދިނުމާއި، ދޮގުމަޢުލޫމާތާ ދެކޮޅަށް އަޑުއުފުލުމުގައިވެސް ބޭނުންކުރެވިދާނޭ އާލާތެއްކަމަށެވެ.
މީގެ އިތުރުން، މީޑިއާ ލިޓްރަސީ އިތުރުކުރުމާއި، އޭ.އައި އުފެއްދުންތަކާމެދު ހޭލުންތެރިކަން އިތުރުކުރުމާއި، ނޫސްވެރިކަމުގެ އަޚުލާޤާ އެއްގޮތަށް އޭ.އައި ބޭނުންކުރުމަށް ހިތްވަރު ދިނުމުއި، ޕްރެސް ފްރީޑަމް ކޯލިޝަން އާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާޢަތްތައް ފަދަ ޤައުމީ އަދި ބައިނަލްއަޤުވާމީ ބައިވެރިންނާއެކު ކުރާ މަސައްކަތްތައްވެސް ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.
"މިނިވަން ނޫސްވެރިކަމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށާއި، ދެފުށްފެންނަ އަދި ޖަވާބުދާރީކުރުވުމުގެ މާހައުލެއް ބިނާކުރުމަށް ލާޒިމު ކަމެއް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރާއްޖޭގައި މިނިވަން ނޫން ނޫސްވެރިކަމަށް ބޭނުންވާ ޤާނޫނީ ރައްކާތެރިކަން ހަރުދަނާކުރުމަށާއި، ޑިޖިޓަލް މެނިޕިއުލޭޝަންގެ މައްސަލައިގައި ކުރިއަށްދާނޭ ގޮތްތަކެއް ކަނޑައަޅުމަށާއި، މީޑިއާ އާއި ފަންނިއްޔާތާ ގުޅޭ މަޝްވަރާތައް ޝާމިލުކަމާއެކު ކުރިއަށްގެންދިއުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!