ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާދަމާ ނޫސްވެރިންނާ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މިރޭ ބުނެފިއެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިރޭ ވިދާޅުވީ، މި ބައްދަލުވުން އޮންނާނީ މާދަމާ (3 މެއި 2025) ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށެވެ.

Ad
rt

17 އޭޕްރިލް 2025 ގައި "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 4 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ މެއި 3 ގައި ނޫސްވެރިންނާއި ބައްދަލުކުރަން ނިންމެވިކަން ހާމަކުރަށްވާފައެވެ.

މެއި 3 އަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މި ދުވަހާ ގުޅުވައިގެން ބޭއްވޭ ނޫސް ކޮންފަރެންސްގައި ކޮންމެ ކަހަލަ ސުވާލެއްވެސް ކުރިމަތިކުރެއްވިދާނެ ކަމަށް ރައީސް ވިދާޅުވެ، މިހާރުން ފެށިގެން އެކަމަށް ތައްޔާރުވުމަށް ނޫސްވެރިންނަށް ދަޢުވަތު ދެއްވިއެވެ.

މީގެ އިތުރުން، ޓީވީ ސްޓޭޝަނަކުން ދަޢުވަތު ދެއްވައިފިނަމަ، އެ ސްޓޭޝަނެއްގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ސުވާލުތަކަށް ޖަވާބުދެއްވުމަށްވެސް ތައްޔާރަށް ހުންނެވި ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކުރެއްވުމާއި، ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއެއްސެވުމަކީ ރައީސް މުޢިއްޒު ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ ކަމެއްކަން ފާހަގަކުރެވެއެވެ.